ސަރުކާރުގެ ލޯނުން ކިޔަވާ 60% ދަރިވަރުން ގަވާއިދުން ފައިސާ ނުދައްކާ

ސަރުކާރުގެ ލޯނުން ކިޔަވާ 60% ދަރިވަރުން ގަވާއިދުން ފައިސާ ނުދައްކާ

Author
ހުސައިން
13 މެއި 2025 10:27
0

މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯނުގެ އެހީގައި ކިޔެވުމަށްފަހު، އެ ލޯނު އަނބުރާ ދައްކަނީ އެންމެ 40% ދަރިވަރުން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މި ވާހަކަ ވަޒީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ލޯނުގެ އެހީގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޤަވާއިދުން ފައިސާ ދައްކަމުން ދަނީ ވަރަށް މަދު ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއަހަރުގެ އޭޕްރީލްމަހާ ހަމައަށް 157 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވޭ. އަނބުރާ ދެއްކުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. ހަމައަށް ބަރާބަރަކަށް ނުދައްކާ." މިހެން ވިދާޅުވި ވަޒީރު، މި ފައިސާއަކީ ދަޢުލަތަށް ލިބެންޖެހޭ ފައިސާކަން ފާހަގަކުރައްވައި، މި ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ދޫކުރާ ތަޢުލީމީ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ލޯނުގައި ހިމެނޭ 1% އެޑްމިނިސްޓްރޭޓިވް ފީ އެއްކޮށް އުނިކުރުމަށާއި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް އިތުރު އަދަދެއް ޗާޖް ނުކުރުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެއިތުރުން، ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަން ހުރި ފައިސާއިންވެސް އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް، އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓް ކުރުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.

މަތީ ތަޢުލީމާ ތަމްރީން ހާސިލްކުރުމަށް ކޮންމެ އަހަރަކުވެސް ދައުލަތުން ލޯނު ދޫކުރަމުންދާއިރު، މި ލޯނު އަނބުރާ ދައްކަން ޖެހެނީ ކިޔެވުން ނިމުމަށްފަހު 6 މަސްދުވަސް ފަހުންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލާފައެވެ. މި ދަފްތަރުގައި މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 2,000 އަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީވެފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 915 ފިރިހެން ދަރިވަރުންނާއި 1,201 އަންހެން ދަރިވަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.