ރާއްޖޭގައި ކުށުގެ ވެށްޓަށް ކުޑަކުދިން ހުށަހެޅުމަކީ ކުށެއް: އިހްސާން

ރާއްޖޭގައި ކުށުގެ ވެށްޓަށް ކުޑަކުދިން ހުށަހެޅުމަކީ ކުށެއް: އިހްސާން

Author
ހުސައިން
13 މެއި 2025 10:25
0

ކުށުގެ ވެށްޓަށް ކުޑަކުދިން ހުށަހެޅުމަކީ ކުށެއްކަމަށާއި އެފަދަ ޢަމަލު ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި މިނިސްޓަރު އިހްސާން ވިދާޅުވި ގޮތުގައި، މިހާތަނަށް ކުށުގެ މާހައުލުގައި ހަރަކާތްތެރިވާކަމަށް 400 އަށްވުރެ ގިނަ ކުދިން ރިކޯޑްކުރެވިފައިވެއެވެ. އަދި ކުށަށް އަރައިގަތުމުގެ ރިސްކް އޮތްކަމަށް ބެލެވޭ ކުދިންގެ އަދަދު 1000 އަށްވުރެ އިތުރުކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިހްސާން އިތުރަށް ވިދާޅުވެފައިވަނީ، ހޯޕް އައިލެންޑް މަޝްރޫޢުގެ ދަށުން ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ އަދި ކުށުގެ ވެށްޓަށް ހުށަހެޅުމުގެ ރިސްކް އޮތް ހުރިހާ ކުޑަކުދިން ހެޔޮ ބަޔަކަށް ހެދުމަށް މުޖުތަމަޢަށް ނެރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށް އިޖުތިމާޢީ ގިނަ މައްސަލަތަކެއް ހައްލުކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމާއި، ގާނޫނުން ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަކީ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅުމަކީ ކުށެއްގެ ގޮތުގައި ނުބެލުނު ނަމަވެސް، ގާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއެކު މިހާރު އެކަންކުރާ ފަރާތްތައް ހައްޔަރުކޮށް، ޕްރޮސިކިއުޓްކޮށް، ގާނޫނީ ފިޔަވަޅު އެޅޭނެކަން މިނިސްޓަރު އިހްސާން ވަނީ ސާފުކޮށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.