މަގޫދޫ އެއާޕޯޓު މިދައުރުގެ ތެރޭގައި ނިންމައި، ހުޅުވާނެކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މި ވާހަކަތައް މިނިސްޓަރު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ނިމެން ކައިރިވެފައިވަނިކޮށް، އެރަށާ ވަރަށް ގާތުގައި އޮންނަ ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން މިސަރުކާރުން ނިންމުމާއި ގުޅިގެން މަގޫދޫގެ ބައެއް ރައްޔިތުން ނުރުހުން ފާޅުކޮށް، އެމަޝްރޫއު ހުއްޓާލަފާނެ ކަމުގެ ބިރުން އިހުތިޖާޖުކޮށްފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ މަގޫދޫގައި އެއާޕޯޓް އެޅުމުގެ މަޝްރޫއުގައި ލަސްތަކެއް އުޅޭކަން ގަބޫލުކުރައްވާކަމަށާއި، ނިލަންދޫގައި އެޅުމަށް ކަނޑައެޅިފައި އޮތް ޕޮރޮޖެކްޓެއް މަގޫދޫއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަންވެސް ގަބޫލުކުރައްވާކަމަށެވެ. "މަގޫދޫ އެއާޕޯޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިދައުރުގެ ތެރޭގައި ނިންމާފަ ހުޅުވާނަން. ނިލަންދޫގައި މަސައްކަތް ކުރިޔަށްގެންގޮސް އޮތް މަޝްރޫއު އަޅުގަނޑުމެން ގޮސް ނިންމާނަން. ސްލޯކަމެއް އުޅުނަސް މާލަސްތަކެއް ނުވެ އަޅުގަނޑުމެން މަސައްކަތް އަވަސްކޮށް އިރާދަކުރެއްވިއްޔާ އެއާޕޯޓް ރައްޔިތުންނަށް ބޭނުންކުރެވޭ ތަނަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވާލަން" މިނިސްޓަރު ވިދާޅުވިއެވެ.
ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ، މަގޫދޫ ކައުންސިލާއި ބައްދަލުކުރައްވައި، މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫއު ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް 231.5 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19 އޮކްޓޯބަރު 2022 ގައެވެ. އެއާޕޯޓުގެ މަސައްކަތް ނިންމަން ދިނީ 550 ދުވަހެވެ. އެންމެ ފުރަތަމަ އެ އެއާޕޯޓުގައި އަޅަން ނިންމީ 1،200 މީޓަރުގެ ރަންވޭއެކެވެ. ނަމަވެސް އެ އެއާޕޯޓަށް ޕްރައިވެޓް ޖެޓުވެސް ޖެއްސޭނެ ގޮތަށް، 1،800 މީޓަރުގެ ރަންވޭއެއް އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފަހުން ނިންމެވިއެވެ.
ޖެޓްތަކުގައި އަންނަ ކްރޫން މަޑުކުރެވޭނެ ހޮޓަލަކާއެކު ތަރައްގީކުރަން ނިންމާފައިވާ މި އެއާޕޯޓް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީ)އާ ހަވާލުކުރީ 14 ނޮވެމްބަރު 2023 ގައެވެ. އެއެއާޕޯޓް ނިމޭއިރު ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއް އެއާޕޯޓަކީ މަގޫދޫ އެއާޕޯޓަށް ވެގެންދާނެ ކަމަށް ރީޖަނަލް އެއާރޕޯޓްސް ކުންފުނިން މީގެކުރިން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ