ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދުގެ ވާހަކަ ދެއްކި ކަމަށް ބުނެ ފަސްޓް ލޭޑީ ސާޖިދާ އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ސިއްރު ކުރުމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.
ކުޑަކުއްޖެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި މި ނިންމުން ނިންމެވި ކަމަށް މައްސަލަ ބައްލަވަމުންދާ ގާޒީ ފައިސަލް އާދަމް ވިދާޅުވިއެވެ. ސާޖިދާގެ ފަރާތުން އެދިވަޑައިގެންފައިވަނީ ވީޑިއޯ މެދުވެރިކޮށް އަޑުއެހުންތައް ވަގުތުން ދެއްކުމަށެވެ.
"މި ދެ ގަޒިއްޔާއަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ އަދި މައިގަނޑު ހުސޫމާތް ކުޑަކުއްޖަކަށް އަމާޒުވާ ގޮތަށް ހުށަހެޅިފައިވާ މައްސަލަތަކެއް ކަމުގައިވާތީ މި މައްސަލައިގެ އަޑުއެހުންތައް ބްރޯޑްކާސްޓް ނުކުރުމަށާއި ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ އަސާސް ނެގެހެއްޓުމުގެ ގޮތުން މި މައްސަލަތަކުގެ ޝަރީއަތުގެ އެންމެހައި އަޑުއެހުންތައް އާންމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންދިޔުމަށް ނިންމައިފިން،" ގާޒީ ވިދާޅުވިއެވެ.
ސާޖިދާގެ ފަރާތުން މި ދައުވާ އުފުލާފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި އެ ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ ޒުބައިރު) ގެ މައްޗަށެވެ. މިއަދު ނިންމެވި ގޮތުން، މި ތިން މައްސަލައިގެ އަޑުއެހުންތައް އެކީގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މީގެ ކުރިން ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި ސާޖިދާގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރު އެދިވަޑައިގަތީ މައްސަލަ ލައިވްކޮށް ދުރަށް ފޮނުވުމަށެވެ. އެހެންނަމަވެސް، އެކަން ވެވެން ނެތްނަމަ، އަޑުއެހުންތައް ސިއްރު ކުރުމަށްވެސް ސާޖިދާގެ ފަރާތުން އެދިވަޑައިގަތެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި އުމެއިރުގެ ވާހަކަ ދެއްކި ކަމުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ މަންދީއަށެވެ. ނަމަވެސް، މަންދީގެ ވާހަކަތަކުގައި ރައީސްގެ އެއްވެސް ދަރިކަލެއްގެ ނަމެއް ބަޔާންކޮށްފައެއް ނުވެއެވެ. މަންދީގެ ވާހަކަތައް އުމެއިރަށް ނިސްބަތްކުރެއްވީ ސާޖިދާގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެމްޑީޕީގެ ފަރާތުން ބުނެފައިވަނީ މި ދައުވާތައް ކުރަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. މި މައްސަލައާ ގުޅިގެން މަންދީ އާއި އެމްޑީޕީގެ އެހެން މެންބަރަކު ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފައިވެއެވެ. އަދި ހަމަ މި މައްސަލައާ ގުޅިގެން ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ދެ މެންބަރަކުވެސް ވަނީ ފުލުހުންގެ ތަހުގީގަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ