އައްޑޫ ސިޓީގެ ހުޅުމީދޫއަށް އެއާޕޯޓެއް ބޭނުންވާ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ޖަލްސާގައި މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ހުޅުދޫ އަދި މީދޫއަކީ ކަނޑު ހުރަސްކޮށްފައި ވަކިން އެކަހެރިވެފައި އޮތް ދެރަށެވެ. އައްޑޫ އަތޮޅުގައި ގަމުގައި އިނގިރޭސީން ދުވަސްވަރުން ފެށިގެން އެއާޕޯޓެއް އަޅާފައި އޮތްނަމަވެސް، ހުޅުމީދޫ ރައްޔިތުން އެބަ ބޭނުންވޭ އެއާޕޯޓެކެވެ.
"ކަނޑުގަދަ ދުވަސްވަރުގައި ލޯންޗެއް އަދި ދޯންޏަކަށްވެސް ދަތުރުނުކުރެވޭ" ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. މިހާރުވެސް ދުވާލަކު 300 އާއި 400 އާ ދެމެދުގެ އަދަދެއްގެ ރައްޔިތުން ހުޅުދޫމީދޫއާއި، ގަމާއި، ފޭދޫއާއި ހިތަދޫއާ ދެމެދު ދަތުރުކުރާ ކަމަށް މަޖިލިސް މެމްބަރު ވިދާޅުވިއެވެ.
"ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވެސް އެބަޖެހޭ ވަކާލާތު ކުރަން. މިއީ ނުވާނެ ކަމެއް ނޫން. އާބާދީގެ ގޮތުން ވަރަށް ބޮޑު އާބާދީއެއް މި ދެ ރަށަށް ބަލާއިރު" ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ފާހަގަކުރެއްވީ ހުޅުމީދޫއަކީ ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށާއި މިހާރުގެ ސަރުކާރުގައި އެކަން ވެސް ވާނެ ކަމަށެވެ.
ހުޅުމީދޫއަށް އެއާޕޯޓެއް ބޭނުންވާކަމަށް ޝާހިދު ގޮވާލާފައިވާއިރު، ހިތަދޫއާއި ހުޅުމީދޫއާ ދެމެދު ބްރިޖެއް އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ