ގިރާވަރުފަޅު ހިއްކުމުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރުން އެފަޅު ހިއްކާނެ: ރައީސް

ގިރާވަރުފަޅު ހިއްކުމުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރުން އެފަޅު ހިއްކާނެ: ރައީސް

Author
ހުސައިން
03 މެއި 2025 12:05
0

މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކޮށް، އެ ފަޅު ސަރުކާރުން ހިއްކާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ އެއްބަސްވުން ހަދާފައިވާ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭކަމަށާއި، ވަރަށް ބައިވަރު ބިންތައް އެ މަޝްރޫއާ ގުޅުވައި ދޫކޮށްލާފައި އޮތްކަމަށެވެ.

އެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަށް އެ ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަން ހިއްކާ އެތަނުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެކަމަށް ވެސް ވިދާޅުވިއެވެ.

ގިރާވަރުފަޅު ހިއްކުމުގެ ޕްރޮޖެކްޓުގައި 169 ހެކްޓަރު ހިއްކަން ނިންމާފައިވާއިރު އޭގެތެރެއިން 55 ހެކްޓަރު ވަނީ ހިއްކާ ނިމިފައިކަމަށް އެނގެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މި އަހަރު ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށާއި، އެ ބިން ހިއްކާ ނިމުމުން އެތަނުން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ހަވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅިފަޅު ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ހިއްކާ ނިމިފައިހުރި ސަރަހައްދުތަކުން ގޯތި ކަނޑައަޅައި ބިން ދޫކުރާނެކަމަށެވެ. މިހާރު ގުޅިފަޅުގެ ފޭސް 1 އަދި 2 ވަނީ ހިއްކާ ނިމިފައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓު ލިސްޓުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެ ލިސްޓާ ގުޅިގެން އާންމުން ހުށަހަޅާފައިވާ ޝަކުވާތައް ބަލައި އެ ލިސްޓު ފައިނަލް ކުރުމުގެ ކަންކަން މިހާރު ކުރަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.