ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލު ނުކުރެވޭ ގޮތަށް ނިޒާމުތައް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ނުދައްކާތާ ގިނަ ދުވަސްތަކެއް ވުމާއެކު، މި މައްސަލަ ބެލުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށްފަހު ރިޕޯޓެއް ނެރުނެވެ. އެ ރިޕޯޓުގެ ހޯދުންތަކަށް ބަލާއިރު، އެޗްޑީސީއަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށްވެއެވެ. މީގެ ތެރޭގައި އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް ހިމެނެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބޮޑު އަދަދުގެ ތެރެއިން އަމިއްލަ ކުންފުނިތަކުން ދައްކަންޖެހޭ 1.16 ބިލިއަން ރުފިޔާ އަދިވެސް ނުލިބި ވެއެވެ. ހަމައެއާއެކު، ކުލީގެ ގޮތުގައި އެޗްޑީސީއަށް ފައިސާ ނުދައްކާ ގިނަ ކުންފުނިތަކަކީ ހުޅުމާލޭގައި ގިނަ ބިންތައް ނަގައި، އެ ބިންތައް ބޭނުންކޮށްގެން ވިޔަފާރި ކުރަމުންދާ ފަރާތްތައް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް، ފައިސާ ނުދައްކާ ހުރި ކުންފުނިތަކަށްވެސް އިތުރު ބިންތައް ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ފަދަ ބައެއް އެއްބަސްވުންތައް މިހާރު ވަނީ ބާތިލުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައި ވީނަމަވެސް، ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް ކޮމިޓީން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ޖުމްލަ ހަތް ކަމެއް ކުރުމަށް ވަނީ ފާސްކޮށްފައެވެ. އޭގެތެރޭގައި ނުލިބި ހުރި ފައިސާ އަނބުރާ ހޯދުމަށް ޕްލޭނެއް އެކުލަވާލުމާއި، ކުންފުނިތަކަށް ލުއި ދިނުމާއި މައާފު ދިނުމުގެ އުސޫލެއް 30 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހެޅުން ހިމެނެއެވެ.
މީގެއިތުރުން، ފައިސާ ނުދައްކާ ކުންފުނިތަކުގެ އެސެޓުތައް ހިފެހެއްޓުމަށާއި، އެޗްޑީސީގެ ބިޑުތަކަށް ކުރިމަތިލާ ފަރާތްތަކަކީ ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކެއްތޯ ކަށަވަރުކުރުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކަކީ ސަރުކާރަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ފައިސާ ދައްކަންޖެހި، ނުދައްކާ ކުންފުންޏެއްތޯ ކަށަވަރުކޮށްފައި ނޫނީ މަޝްރޫއުތައް ހަވާލު ނުކުރުވޭ ގޮތަށް ނިޒާމް ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.
އަދި ސަރުކާރުން ލިބެންޖެހޭ ފައިސާއާއި ސަރުކާރުން ދޭންޖެހޭ ފައިސާ އޮފްސެޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށާއި، މިހާރަށްވުރެ ދެފުށް ފެންނަ ގޮތަކަށް ސީއެސްއާރުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެޗްޑީސީއަށް އެންގުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ.
މި ރިޕޯޓަށް ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ