ސަރުކާރުން "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމަށް ޤާނޫނީ އިޞްލާޙު މަޖިލިހަށް ހުށަހަޅައިފި

ސަރުކާރުން "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމަށް ޤާނޫނީ އިޞްލާޙު މަޖިލިހަށް ހުށަހަޅައިފި

Author
ހުސައިން
29 އޭޕްރިލް 2025 02:06
0

ޖެނެރޭޝަނަލް ބޭން ގެނައުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިޞްލާޙަކީ 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ ޖީލަށް ސިނގިރޭޓު މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އިޞްލާޙެކެވެ.

ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް ހުށަހެޅުއްވި މި ބިލު ޤާނޫނަކަށްވުމުން، މިއަހަރުގެ ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ ޖީލަށް ސިނގިރޭޓު ވިއްކުމާއި ގަތުން މަނާކުރެވޭނެއެވެ. އަދި ބިލު ޤާނޫނަކަށް ވުމުން އެއަށް ޢަމަލުކުރަން ފަށާނީ 6 މަސްދުވަސް ފަހުންނެވެ.

އިޞްލާޙު ހުށަހަޅާފައިވާގޮތުން، ދުންފަތް އުފައްދަން ބޭނުންކުރާ މެޝިނަރީއާއި ދުންފަތް އޮޅަން ބޭނުންކުރާ އާލާތްތައް ވެސް މަނާކުރެވޭނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމަށްޓަކައި ދުންފަތް އޮޅާ ކަރުދާހަށް އަޅައި، ސިނގިރޭޓު، ބިޑި ނުވަތަ އެފަދަ އެހެނިހެން އުފެއްދުމަކަށް ބަދަލުކޮށް ޕެކްކުރާ މެޝިނަރީވެސް މަނާކުރެވޭނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓު ބޭނުންކުރުން ވަނީ މުޅިން މަނާކޮށްފައެވެ. އަދި މިކަމާ ގުޅިގެން އެފަދަ އާލާތްތައް ރާއްޖެ އެތެރެކުރުމާއި، ވިޔަފާރިކުރުމާއި، ހިލޭ ބެހުމާއި އަދި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް މިސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ދުންފަތުން ނަގާ ޓެކްސް އިތުރުކުރުމާއި، ވޭޕް މަނާކުރުން ހިމެނެއެވެ. އަދި މިހާރު ހުށަހަޅާފައިވާ އިޞްލާޙާއެކު "ޖެނެރޭޝަނަލް ބޭން" ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.