ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ މާލޭގެ ޒިކުރާ މިސްކިތާއި ބޮނޑިބަތް ޕާކު ސަރަހައްދުން 13 ބިދޭސީން ހައްޔަރުކުރެވިފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން، އިއްޔެ އެ ސަރަހައްދުން ޖުމްލަ 35 ބިދޭސީއަކު ބަލައި ފާސްކުރުމަށްފަހު، އޭގެ ތެރެއިން 13 ބިދޭސީން ވަނީ ވަގުތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެފަރާތްތައް އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ހިންގަން ފެށީ މިދިޔަ އަހަރުއެވެ. މި އޮޕަރޭޝަނަކީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީއާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގާ އޮޕަރޭޝަނެކެވެ.
އިމިގްރޭޝަނުން ފާހަގަކުރާގޮތުގައި، މި އޮޕަރޭޝަން ފެށުނީއްސުރެ މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލެވިފައެވެ. ޓާސްކް ފޯހުގެ މަސައްކަތްތައް މިހާރުވެސް ދަނީ މެދުކެނޑުމެއްނެތި ކުރިއަށެވެ.
ކޮމެންޓު ފޮނުވާ