ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ "ބްރިލިއަންޓް ކެރިއަރ" ދޯނި ގެއްލިގެން ހޯދުމުގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކުން ފަށައިފިއެވެ..
އިއްޔެ (އޭޕްރިލް 27) ރޭ 8:00 އެހައިކަންހާއިރު ގައްދޫއިން ފުރި މި ދޯނީގައި 3 ދިވެހިންނާއި 2 ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ 5 މީހުން ތިބިކަމަށް ބެލެވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ މިއަދު (އޭޕްރިލް 28) ދަންވަރު 2:40 ގައެވެ. އެވަގުތު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދުއަތޮޅަށް ވަންނަން ކައިރިވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ދޯންޏާ ގުޅޭނެ އެއްވެސް ގޮތެއް ނުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މި މަޢުލޫމާތު ފޯރުކޮށްދީފައެވެ.
ފުލުހުންގެ ފަރާތުން ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ހިއްސާކުރުމަށް ޢާންމުންނަށް ގޮވާލާފައިވެއެވެ.
ކޮމެންޓު ފޮނުވާ