ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުއެއް އަންނަ މެއި މަހުން ފެށިގެން އަތޮޅުތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މި މަޝްރޫއު ކުރިއަށްގެންދާނީ އަތޮޅުތެރޭގެ 9 ރަށެއްގައި ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، ބ. އޭދަފުށި، އއ. ފެރިދޫ، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫ ހިމެނެއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްރަށާއި، ގުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްރަށުގެ އިތުރުން، އަލަށް ގުރުއާން ކިޔަވައިދިނުމާއި މަރުކަޒުގެ ގާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްރަށުގައިވެސް ޤުރުއާން އުނގަންނައިދިނުމުގެ ކަންކަން ހަރުދަނާކުރެވިގެންދާނެއެވެ.
މީގެ އިތުރުން، މެއި މަހުން ފެށިގެން ގުރުއާނާ ބެހޭ މަރުކަޒުން މުސާރަ ދޭގޮތަށް މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެހިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން، ހއ. އުތީމު، ނ. ވެލިދޫ، ރ. މަޑުއްވަރީ، ދ. މީދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ އަދި ލ. އިސްދޫ ކަލައިދޫ ފަދަ ރަށްރަށުގައި މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މިވަގުތު މާލެ އާއި އަތޮޅުތަކުގެ ގުރުއާން މަރުކަޒުތަކާއި އަމިއްލަ އިންސްޓިޓިއުޓްތަކާއި ކްލާސްތަކުގައި 700 އަށްވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުދަސްކުރަމުންދާކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގުރުއާން ހިތުދަސްކުރާ މީހުންނަށް ޚާއްޞަކޮށްގެން ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ކުރައްވަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ