މި މަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މަތިން ވެއްޓި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރަމުންދާ މުޒާހިރާ، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދިނުމަށްފަހުވެސް ހުއްޓުމެއް ނެތި ދަނީ ކުރިޔަށް ގެންދަމުންނެވެ.
ސިލްސިލާކޮށް ކުރިއަށްދާ މި މުޒާހަރާތަކުގައި މުޒާހިރާގެ ބައިވެރިން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.
މުޒާހިރުން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ޔުމްނުގެ މަރުގެ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންދިއުމާއި، ތުހުމަތުކުރެވޭ ހުރިހާ ފަރާތްތަކެއް ހައްޔަރުކޮށް އަދަބު ދިނުން ހިމެނެއެވެ. އަދި ފުލުހުން ހާމަކުރި ސީސީޓީވީ ފުޓޭޖުން ބައެއް ގެއްލިފައިވާ ސަބަބު ސާފުކޮށްދިނުމާއި، ތަހުގީގަށް ހޯދިފައިވާ ހުރިހާ ހެކިތަކެއް ހާމަކުރުމަށްވެސް މުޒާހިރުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ފުލުހުން ހިންގާ ތަހުގީގާ މެދު އިންކުއަރީއެއް ހަދައިދިނުމަށާއި، ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ ހުރިހާ މެންބަރުން އިސްތިއުފާ ދިނުމަށް ވެސް މުޒާހިރުން ވަނީ ގޮވާލާފައެވެ.
މުޒާހަރާތައް ހަލުވިވެގެންދިޔަ ވަގުތެއްގައި، ރޭ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް، މުޒާހިރާގެ ބައިވެރިން ބުނެފައި ވަނީ މުޒާހަރާތައް ހުއްޓާނުލާނެކަމަށެވެ.
މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ވަނީ ހަމައެއާއެކު، ޔުމްނުގެ އާއިލާއާއި ޒުވާނުންގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޢާފަށް އެދިވަޑައިގަތުމަށް ގޮވާލާފައެވެ. އަދި މުޒާހިރުން ވަނީ އެމީހުންގެ ޑިމާންޑްތަކުގެ ލިސްޓު ހިފައިގެން ރައީސް އޮފީހަށް ނުދާނެކަމަށްވެސް ބުނެފައެވެ.
މިކަމާ ގުޅިގެން ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން ވެސް މެންބަރުންތަކެއް ވަނީ މިހާރު އިސްތިއުފާ ދީފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ