މާދަރީބަހުން މޮޅަށް މުޢާމަލާތްކުރުމަކީ އެހެނިހެން ބަސްތައް ދަސްކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާ: ޑރ. ހައިދަރު

މާދަރީބަހުން މޮޅަށް މުޢާމަލާތްކުރުމަކީ އެހެނިހެން ބަސްތައް ދަސްކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާ: ޑރ. ހައިދަރު

Author
ހުސައިން
25 އޭޕްރިލް 2025 10:29
0

ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެފައިވަނީ މާދަރީބަހުން މޮޅަށް މުޢާމަލާތްކުރުމަކީ އެހެނިހެން ބަސްތައް ދަސްކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާ ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސް، ފެކަލްޓީ އޮފް އެޑިއުކޭޝަން، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒްމް ސްޓަޑީސް އަދި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ކޯސްތައް ނިންމި ދަރިވަރުންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި ޑރ. ހައިދަރު ފާހަގަކުރެއްވީ، މާދަރީބަހަށް މޮޅުވުމުން ބޭރު ބަސްބަހުގެ ޚާއްސަ ސިފަތައް ދެނެގަތުމަށް މަގުފަހިވާކަމެވެ.

ދިރާސާތަކުން ދައްކާގޮތުގައި އަމިއްލަ މާދަރީބަހަށް ކުޅަދާނަވާ މިންވަރުން ދެވަނަ ނުވަތަ ތިންވަނަ ބަހަކުންވެސް މުޢާމަލާތްކުރުން ފަސޭހަވާކަމަށް ފާހަގަކުރެއްވި ވަޒީރު، ދަރިވަރުންނަށް އަބަދުވެސް ތަޢުލީމު އިތުރަށް އުނގެނުމަށް ޢަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރެއްވިއެވެ.

"ޢިލްމުން ލިބުނު ހުށިޔާރުކަމާއި އަމިއްލަ ނަފްސަށްކުރާ އިތުބާރު ގަދަކުރާށެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން އަބަދުވެސް ދަމަހައްޓާށެވެ. އިސްނަގާ، އަމިއްލަ ހަޔާތާއި ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ކުރިއަށްދާން ލިބޭ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ" މިހެން ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ދުނިޔެވީ ފަސޭހައަށްޓަކައި ބަހާއި އަދަބިއްޔާތު ދޫކޮށްލާ ބައެއްގެ ގޮތުގައި ނުވުމަށް ޢަޒުމް ކަނޑައެޅުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމު ދޭ މަރުކަޒުތަކުގައި އީޖާދީ ކުރިއެރުންތަކަށް މަގުފަހިކޮށްދީ މަތީ ފެންވަރެއްގައި ކިޔެވުމުގެ ތަޖުރިބާ ލިބޭނެގޮތްތައް އެކުލަވާލައި، ދެވޭ ތަޢުލީމުގެ ފެންވަރަށް ޖަވާބުދާރީވާނެ ހަމަތަކާއި އުސޫލުތައް ޤާއިމްކުރުމުގެ މުހިންމުކަން ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ދެވަނަ ޓާރމްގައި ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ ތަފާތު ކޯސްތައް ނިންމާ 140 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާކަމަށް ޔުނިވަރސިޓީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.