ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމަށް ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާން ބާޠިލުކުރަން މިނިސްޓްރީން އެންގި އެންގުމަށް އަމަލު ނުކުރި

ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމަށް ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާން ބާޠިލުކުރަން މިނިސްޓްރީން އެންގި އެންގުމަށް އަމަލު ނުކުރި

Author
ހުސައިން
24 އޭޕްރިލް 2025 05:26
0

ހައުސިންގ މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމަށް ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާން ބާޠިލުކުރުމަށް އަންގާފައިވީނަމަވެސް، އެ އެންގުމަށް ތިނަދޫ ސިޓީ ކައުންސިލުން އަމަލުކޮށްފައިނުވާކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ރައްޔިތަކަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ އެ މިނިސްޓްރީއަށްކަމަށެވެ. މިގޮތުން، މިނިސްޓްރީގެ މެންޑޭޓުގައި ހިމެނެނީ ރާއްޖޭގެ ބޯހިޔާވަހިކަމާ ބެހޭ ޤައުމީ ސިޔާސަތުތަކުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް އެކަށޭނެ ފެންވަރުގެ ހިޔާވަހިކަމެއް ލިބޭނެ ގޮތްތައް ރާވައި، އެކަމަށް މަގުފަހިކުރުމަށް ބޭނުންވާ އުސޫލުތައް އެކުލަވާލައި ހިންގުންކަމަށް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކޮށް، އެ ޔުނިޓުތައް ޙަވާލުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުންގެންދާ ކަމަށާއި، ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓުގެ މަޝްރޫޢުއަކީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިންވެސް ސަރުކާރުން ހިންގާ ހައުސިންގ ޔުނިޓުތަކާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ މިނިސްޓްރީގެ ހުއްދަ ލިބިގެންކަން ފާހަގަކޮށް، މިނިސްޓްރީން ބުނެފައިވަނީ 29 ޖަނަވަރީ 2025 ގައި ތިނަދޫ ސިޓީ ކައުންސިލުން ހައުސިންގ ޔުނިޓު ދޫކުރުމަށް ކުރި އިޢުލާނަކީ މިނިސްޓްރީގެ ހުއްދައާއި އެންޑޯސްމަންޓް ނެތި ކޮށްފައިވާ އިޢުލާނެއްކަމަށެވެ.

މިކަމާ ގުޅިގެން، 30 ޖަނަވަރީގައި އެ އިޢުލާން ބާޠިލުކުރުމަށް މިނިސްޓްރީން ތިނަދޫ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށާއި، ޔުނިޓް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް ބޭނުންވާ އުސޫލުތައް އެކުލަވާލުމަށްފަހު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެ އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން، ތިނަދޫ ސިޓީ ކައުންސިލުން 29 ޖަނަވަރީގައި ކުރި އިޢުލާނަކީ މިނިސްޓްރީގެ ލަފައާއި އެންޑޯސްކުރުމެއް ނެތި ކޮށްފައިވާ އިޢުލާނެއްކަމަށްވާތީ، އެ އިޢުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަތުމަށް މިނިސްޓްރީން ނިންމާފައިވާކަން މިނިސްޓްރީން ދެއްވި މަޢުލޫމާތުން އެނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.