މަސްޖިދުއްނަބަވީގެ އިމާމު ދިވެހި އިމާމުންނަށް ނަޞޭޙަތްތެރިވެވަޑައިގެންފި

މަސްޖިދުއްނަބަވީގެ އިމާމު ދިވެހި އިމާމުންނަށް ނަޞޭޙަތްތެރިވެވަޑައިގެންފި

Author
ހުސައިން
24 އޭޕްރިލް 2025 12:37
0

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިމާމުންނަކީ މީހުންނަށް ހެޔޮކަންކަން ފަތުރާ ބަޔަކަށް ވާންޖެހޭ ކަމަށް ވިދާޅުވެއްޖެއެވެ.

މިއަދު ޚަޠީބުންނާއި އިމާމުންނާ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ގިނަ ނަޞޭޙަތްތަކެއް ދެއްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ ނަމޫނާ ބަޔަކަށްވުމުގެ މުހިންމުކަމާއި، މީހުންނަށް ހެޔޮކަންކަން ފަތުރާ ބަޔަކަށްވުމުގެ މުހިންމުކަމެވެ.

އިމާމުންގެ މާތްކަމާމެދު ބަހުސްކުރައްވަމުން ޑރ. ޞަލާޙުލް ބުދައިރު ވަނީ މުޖުތަމަޢުގައި ފިތުނަވެރިކަން އުފެދޭފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

އިމާމުންނަކީ ޢިލްމު ހޯދުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ބަޔަކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމާދާގުޅޭ ޙުކުމްތަކާއި ދީނުގެ އެކި ޙުކުމްތައް އެންމެ ފުރިހަމައަށް އުނގެނުމާއެކު، ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާންޖެހޭ ކަމެއްކަމަށްވެސް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ނަޞޭޙަތްތަކުގައި، މީސްމީޑިއާ ފަދަ ވަސީލަތްތައް ބޭނުންކުރާއިރު އިމާމުންގެ ޙައިސިއްޔަތާ ނުގުޅޭ ކަންކަން ޙިއްޞާކުރުމާއި، ނުގުޅޭ ދާއިރާތަކާބެހޭ ކޮމެންޓުކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށްވެސް ޢިލްމުވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

ޑރ. ޞަލާޙުލް ބުދައިރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކަމާބެހޭ އިދާރާތަކުގެ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިމާމުކަމާއި ޚަޠީބުކަމުގެ މަސްޢޫލިއްޔަތަކީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއްކަމަށާއި، އެ މަސްޢޫލިއްޔަތު ވީހާވެސް ރަނގަޅަށް ފުރިހަމަކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.