ކ. ގުޅީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 40 އިންސައްތަ މަސައްކަތް ނިމިއްޖެ

ކ. ގުޅީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 40 އިންސައްތަ މަސައްކަތް ނިމިއްޖެ

Author
ހުސައިން
21 އޭޕްރިލް 2025 07:45
0

ކ. ގުޅީގައި ކުރިއަށްދާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 40 އިންސައްތަ މިހާރު ވަނީ ނިމިފައިކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ހަމަ އެމަހުގައި ސައިޓުތައް މޮބިލައިޒްކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން ކ. ގުޅީގައި 10 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް އަދި 88 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 89،634،790.08 ރުފިޔާ (އަށްޑިހަ ނުވަ މިލިއަން ހަލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ އަށް ލާރި) އަށެވެ. މި މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަންޖެހޭކަމަށް ވަނީ އެއްބަސްވެވިފައެވެ.

ފަޅުހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަކީ ރަށްރަށުގެ ބިން އިތުރުކޮށް، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.