ނެއްލައިދޫ ސިއްހީ މަރުކަޒުން ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދިން މައްސަލަ ތަޙުޤީޤުކުރަން ފަށައިފި

ނެއްލައިދޫ ސިއްހީ މަރުކަޒުން ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދިން މައްސަލަ ތަޙުޤީޤުކުރަން ފަށައިފި

Author
ހުސައިން
20 އޭޕްރިލް 2025 03:26
0

ނެއްލައިދޫ ސިއްހީ މަރުކަޒުން ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދިންކަމަށް ބެލެވޭ މައްސަލައެއް ސިއްހީ ވުޒާރާއިން ތަޙުޤީޤުކުރަން ފަށައިފިއެވެ. މިދިޔަ ހުކުރު ދުވަހު ހުން އައިސްގެން ހޮޑުލާތީ ފަރުވާ ހޯދުމަށް ނެއްލައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދިން ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގެ ޚަބަރު ފާއިތުވި ދުވަސްތަކުގައި ވަނީ ފެތުރިފައެވެ.

ވަގުތަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ކުއްޖާއަށް ދިން އައިވީގެ ފުޅި މެދަށްވުރެ ގިނައިން ހުސްވެފައި ވަނިކޮށް، އެ ދުވަހުގެ ހަވީރު އެ ފުޅީގެ މުއްދަތު ހަމަވެފައިވާކަން ފާހަގަކުރެވުނެވެ. މިކަން ފާހަގަކުރުމާއެކު، މިހާރު އެ ކުއްޖާ ވަނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުކޮށް، އެތަނުގައި ފަރުވާދެމުން ގެންދެވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ސިއްހީ ވުޒާރާގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި މައްސަލަ މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ. އަދި މި މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް އެ ވުޒާރާއިން ދީފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސިއްހީ ދާއިރާއަކީ މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ގާތުން ބަލަމުންދާ ދާއިރާއެއްކަމެވެ. މި ދާއިރާގެ އެކި ޚިދުމަތްތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް، ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ބައްޓަންކުރުމަށް ސަރުކާރުން މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.