މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމުގެ ގޮތުން ސިލްސިލާ އެވެއާނަސް ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެމްއޭސީއެލްގެ ސަސްޓެއިނަބިލިޓީއާ ގުޅޭ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން މިއަދު ބޭއްވިފައިވަނީ އިންޓަނޭޝަނަލް ޑޭ އޮފް ޒީރޯ ވޭސްޓްގެ މުނާސަބަތުގައެވެ. މިއަދުގެ ސެޝަން ހާއްސަކުރެވިފައިވަނީ "ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އެންޑް ހެޒަޑަރަސް ވޭސްޓް" އަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަޖުރިބާކާރުން ނަގައިދެއްވި މި ސެޝަންގައި ނުރައްކާތެރި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި އެފަދަ ކުނި މެނޭޖްކުރާނެ ގޮތްތަކާ ބެހޭ މުހިންމު މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގައި ކުންފުނިތަކުގެ ދައުރާއި، ނުރައްކާތެރި ކުނި ނައްތާލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ ބެހޭ މަޢުލޫމާތުވެސް ފޯރުކޮށްދެވުނެވެ.
އެމްއޭސީއެލްގެ ފަރާތުން ހާމަކުރެއްވި ގޮތުގައި "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި ހަކަތައާއި ތިމާވެއްޓާ ގުޅުންހުރި ކަންކަން ސަސްޓެއިނަބަލް ގޮތެއްގައި ހިންގުމަށް އަމާޒުކޮށްގެން އިތުރު ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ. މި ޕްރޮގްރާމްތަކަކީ ދެމެހެއްޓެނިވި ތަރައްޤީއަށް އެމްއޭސީއެލްއިން ދެއްވާ އިސްކަމުގެ ބައެއްކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ