ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ތާއީދުކޮށް، ވާހަކަ ދައްކަނީ ސަރުކާރުގައި އުނިކަންތައްތަކަށްވުރެ ރަނގަޅު ކަންތައް ގިނަ ވުމުން ކަމުގައި އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
މިއަހަރުވެސް އެންމެ އިސްކަން ދޭނީ ރައީސް ޔާމީން މިނިވަންކުރުމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެ އާންމުކޮށްފައިވާ ބަޔާނާއި ގުޅިގެން ޝައިޚު އަލީ ޒައިދު ކުރެއްވި ކޮމެންޓުގައި ބުނެފައިވަނީ މިއަހަރުވެސް އެންމެ އިސްކަން ދޭނީ އިސްލާމްދީން ކުރިއެރުވުމަށްކަމަށްކަމަށެވެ.
ޝައިޚު މިހެން ވިދާޅުވުމާއި ގުޅިގެން ނޫސްވެރިރަކު ވަނީ ރައީސް ޞާލިހުގެ ސަރުކާރުން ރައީސް އޮފީހުގައި ކީރިތި ރަސޫލާއަށް ފުރައްސާކުރި އެމްޑީއެން މީހުން ގޮވައިގެން ރައީސް ޞާލިހު ވެރިކަން ކުރާ އިރު، ދުވާލަކު ތިން ފަހަރު ސަރުކާރަށް ސަނާކިޔައި ހައްދަވަނީ އިސްލާމްދީން ކުރިއަރުވަންތޯ ސުވާލު ކުރައްވާފައެވެ.
މިސުވާލުގެ ޖަވާބުގައި ޝައިޚު ޑރ.އިޔާޒު ވިދާޅުވެފައިވަނީ ސަރުކާރަށް ތާއީދުކޮށް ވާހަކަ ދައްކަވަނީ ސަރުކާރުގައި އުނިކަންތައްތަކަށްވުރެ ރަނގަޅު ކަންތައް ގިނަ ވުމުން ކަމުގައއެވެ. ޑރ.އިޔާޒު ނޫސްވެރިޔާގެ ސީދާ ސުވާލަށް ޖަވާބު ދެއްވާފައި ނުވެއެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފެށުނު 2021 ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށާއި، އަދި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައެެވެ. އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެއް ކަމަށް ބުނެފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ 2020 ވަނަ އަހަރު ވެގެންދިޔައީ ދުނިޔެއަށާއި މުޅި ދިވެހިރާއްޖެއަށްވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިކުރުވި އަހަރެއް ކަމުގައެވެ. ކޯވިޑް 19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށްވެސް ކުރިމަތިވެފައިވާއިރު، މިހިތްދަތިކަމާއި ނިކަމެތިކަން ރައްޔިތުންނަށް އިތުރުވެގެން ދިޔައީ މިސަރުކާރުގެ ނާގާބިލްކަމާއި، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިދިކޮޅު ބަޔާނުގައި ވެއެވެ.
ކޮމެންޓު ފޮނުވާ