ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ، 4 މަސް ފަހުންވެސް އަދިވެސް ހޭނެތިފައިވާކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ.
މި ހާދިސާގައި އަނިޔާވި 19 އަހަރުގެ މުހައްމަދު ޝައިމަން ޝިހާމަށް ލިބުނު އަނިޔާތަކުގެ ސަބަބުން މިހާރު ފަރުވާދެމުން ގެންދަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައެވެ. އޭނާ އިންޑިއާއަށް ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އައިޖީއެމްއެޗުގައި ވެސް ދުވަސްކޮޅަކު ބޭތިއްބުމަށް ފަހުގައެވެ.
ޝައިމަންގެ ބައްޕައާއި ހަވާލަދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެކްސިޑެންޓު ހިނގިތާ މި މަހުގެ 27 ވަނަ ދުވަހަށް ހަތަރު މަސް ފުރިހަމަވާއިރުވެސް އަދިވެސް ދަރިފުޅު ހޭނާރައެވެ. ނަމަވެސް ފިޒިއޮތެރަޕީ ދޭތީ، ދަރިފުޅުގެ އަތާއި ތަންތަން ރަނގަޅު ކަމަށް ޑޮކްޓަރުން އަންގަވާފައިވާކަމަށް އަނިޔާވި ޒުވާނާގެ ބައްޕަ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ. އަދި މިފަދަ އެކްސިޑެންޓުތަކުގައި އަނިޔާ ލިބޭ މީހުން އެއްކޮށް ރަނގަޅުވުމަށް އަހަރެއް ނުވަތަ ދެއަހަރުވެސް ހިނގާނެކަމަށް ޑޮކްޓަރުން ވިދާޅުވާކަމަށް އަނިޔާވިޒުވާނާގެ ބައްޕަ ޝިހާމް ވިދާޅުވެފައި ވެއެވެ.
ޝިހާމް ވިދާޅުވި ގޮތުގައި އާސަންދަ ފިޔަވައި ދައުލަތުގެ ފަރާތުން އެއްވެސް އިތުރު އެހީތެރިކަމެއް ލިބިފައެއް ނުވެއެވެ. އަދި ހާދިސާއަށް ފަހު ފުލުހުންގެ ފަރާތުންވެސް އެކަމާ ގުޅިގެން އެއްވެސް އަޅާލުމެއް ނުލިބޭކަމަށް ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން އޭނާ ފާހަގަކޮށްފައި ވެއެވެ. ވަކިން ޚާއްސަކޮށް ޝިހާމްއަކީވެސް 33 އަހަރު ވަންދެން ޔުނިފޯމް އެޅި ވަޒީފާއެއް އަދާކުރާ މީހެއް ކަމަށާއި، ނަމަވެސް މި ހާލަތުގައި މިހާރު އޭނާ ދަރިފުޅުގެ ގާތުގައި ހުންނަނީ ނޯ ޕޭ ލީވް ނަގައިގެން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ޝިހާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ ހާދިސާ ހިނގައިދިޔަ ގޮތް އަދިވެސް ތަހުގީގުކުރަމުންދާއިރު، މައްސަލަ ނުނިމޭތީ ކުށްވެރިވީ ކާކުކަން އަދިވެސް ސާފެއް ނޫނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައިކަލު ދުއްވީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާ ޚިލާފުވެގެން މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ލައިސެންސް ހިފަހައްޓާފައިވާ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް، އާއިލާއިން ވަނީ ފުލުހުން ކުރި މި ތުހުމަތުތައް ދޮގުކޮށްފައެވެ.
ކޮމެންޓު ފޮނުވާ