ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 59 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެމްއޭސީއެލްގެ އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެއާޕޯޓުގެ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަދު ވެލާނާ އެއާޕޯޓުގެ އަހަރީ ދުވަސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މިގޮތުން އެއާޕޯޓުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމާއެކު، 59 ފޫޓުގެ ކޭކެއް ފެޅުމުގެ އިތުރުން އެކުވެރިކަމުގެ ހިނގާލުމެއްވެސް ބާއްވާފައިވެއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު އިބްރާހީމް ޝަރީފް ވާހަކަފުޅު ދައްކަވަމުން، އެއާޕޯޓުގެ ތަރައްޤީއަށްޓަކައި ސަރުކާރުން، ވަކިން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ޝަރީފް ވިދާޅުވީ އެއާޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއްކަމަށާއި، ސްޓޭކްހޯލްޑަރުންނާއި ފަސިންޖަރުން އުފާވާފަދަ ޚިދުމަތްތަކެއް އެއާޕޯޓުން ދިނުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު ވަނީ ޒަމާނުއްސުރެ ދަތުރުފަތުރުގެ ދަތިކަމަށް ހައްލު ހޯދައިދިނުމާއި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން 7 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިހާރު ތަރައްޤީކުރެވެމުންދާ ވީއައިއޭގެ އާ ޓާމިނަލް މިއަހަރުގެ އޮކްޓޫބަރުގެ ކުރިން ހުޅުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާމިނަލަކަށްވާއިރު، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އާ ޓާމިނަލްގައި ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިފައި ހުންނާނެ ކަމަށެވެ. މީގެތެރޭގައި އެއިރޯ ބޯޑިންގ ބްރިޖްތަކާއި އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިންގ ސިސްޓަމްތައް ހިމެނޭނެކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.