އައްސަފާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް ގޮސް ޖިއްދާގައި ހާލުގައި ޖެހުނު މުސްކުޅި ދެމަފިރިން ރާއްޖެ ނާދެވުނީ އެ ދެމަފިރިން ފަރުވާކުޑަކުރުމުގެ ސަބަބުން ކަމަށް އެ ކުންފުނިން މިއަދު ބަޔާނެއް ނެރެ ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ފްލައިޓުން މާލެ ނާދެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޢަބްދުﷲ ނަސީމާއި ޒުހެއިރާ ޤާސިމެވެ. މި މައްސަލަ ފެންމަތިވެ އައްސަފާ ކުންފުންޏަށް ފާޑުކިޔުންތައް އަމާޒުވަމުންދަނިކޮށް، އެ ކުންފުނީގެ ފަރާތުން ކަންހިނގައިދިޔަ ގޮތް އޮޅުންފިލުވައިދީ ބަޔާނެއް ނެރެފައިވެއެވެ.
އައްސަފާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މާލެ ނާދެވުނު ދެމަފިރިންނަކީ އެ ކުންފުނިން ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވީ ނަމަވެސް، ފުރާގަޑި ޖެހުނުއިރު ބޯޓަށް އަރާފައިނުވާ ދެ މީހުންނެވެ. އެ ދެ މީހުން ވެސް ޖިއްދާއަށް ގެންގޮސް، ލަގެޖުތައް ކިރުވައި، ޒަމްޒަމް ފެންދީ، ބޯޑިން ހަމަޖައްސައި، އަދި އިމިގްރޭޝަނުގެ ކަންކަން ނިންމުމަށްފަހު ޑިޕާޗާ ހޯލަށް ވައްދާފައިވާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވީ ނަމަވެސް އެ ދެ މީހުން ބޯޓަށް އަރާފައިނުވާ ކަމަށް އައްސަފާއިން ބުނެފައިވެއެވެ.
އެހެންނަމަވެސް، އެ ދެމަފިރިންގެ ދަރިފުޅު ބުނެފައިވަނީ ރާއްޖެ އައުމަށް އެއާޕޯޓަށް ގޮސް، ބޯޑިންވާން އެ މީހުންނަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށާއި، އެ މީހުންނަށް ބޯޑިން ވެވުނުއިރު ފްލައިޓު ނައްޓައިލަން ތައްޔާރުވެ، ގޭޓު ބަންދުކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ކުންފުންޏަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އޭގެ ސަބަބުން ނުފުރިވާ ފަރާތްތަކުގެ ކަންކަން ހަމަޖެއްސުމަށާއި އަލުން ފުރުމަށް ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް އައްސަފާއިން ބުނެފައިވެއެވެ.
މީގެ އިތުރުން އެ މައްސަލައިގެ ސަބަބުން ކުންފުނީގެ ވެރިފަރާތާއި އޭނާގެ އަނބިމީހާއަށް ވެސް ނުފުރުނު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ދެމަފިރިން ވަކި ދެ ފްލައިޓެއްގައި މާލެ އައުމަށް އައްސަފާ ކުންފުނިން މިހާރު ހަމަޖައްސާފައިވާއިރު، އެ ދެ ފްލައިޓުގައި ވެސް އެ ކުންފުނީގެ އިތުރު އުމްރާވެރިންނާއި ކުންފުނީގެ ވެރިން ވެސް ދަތުރުކުރާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.