ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކޮށްފިނަމަ، އިންތިޚާބުވުމަށް މެންބަރުން ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ ކަމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި ބައެއް އިނާޔަތްތައް ކުޑަކުރުމަށް ގޮވާލައި ސޮއިކުރަން ފެށި އޮންލައިން ޕެޓިޝަނާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވެފައިވަނީ މުސާރަ ކުޑަކުރުމަކީ ގޯސް ޚިޔާލެއް ނޫން ކަމަށެވެ. ނަމަވެސް، 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު، މެންބަރެއްގެ މުސާރަ 100،000 ރުފިޔާއަށް އިތުރުކުރުމަށް ކޮމިޓީން ފާސްކުރިކަމަށާއި، އެހެންނަމަވެސް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާ އެކު އެކަން ނުކުރަން ނިންމިކަމަށް ވިދާޅުވިއެވެ.
މެންބަރު ފަލާހު އިތުރަށް ވިދާޅުވީ، ދައުރެއްގެ މެދުތެރެއިން މުސާރަ ކުޑަކުރުމަށް ވުރެ ރަނގަޅީ އައު ދައުރެއް ފެށުމުގެ ކުރިން މުސާރަ ކުޑަކުރުން ކަމަށެވެ. މިގޮތުން، 21 ވަނަ މަޖިލީހަށް މެންބަރަކަށް 5000 ރުފިޔާ ކަނޑައަޅައިފިނަމަ، އެ މުސާރައަށް އެއްބަސްވެގެން ކުރިމަތިލާ މެންބަރުންނަށް ޝަކުވާކުރެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވެފައިވަނީ މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް މެންބަރުން ޚަރަދުކުރާނީ އަދި ދަރަނި ނަގާނީ ލިބޭނެ ކަމަށް ބެލެވޭ މުސާރައަށް ބަލައިގެން ކަމަށެވެ. މިގޮތުން، "އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިންތިޚާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ" ކަމަށް ލިޔުއްވާފައިވެއެވެ.
އިތުރަށް، މަޖިލިސް މެންބަރުންގެ އިނާޔަތްތަކުގެ އިތުރުން ކުރީގެ ރައީސުންނަށާއި ފަނޑިޔާރުންނަށް ދެވޭ އިނާޔަތްތައްވެސް ޕެޓިޝަނުގައި ހިމެނޭނަމަ ވަރަށް ރަނގަޅުވީސް ކަމަށް ފަލާހު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ