ގެދޮރުގެ ޙައްޤަކީ ނިގުޅައިނުގަނެވޭނެ ޙައްޤެއް ނޫން: ޝާހިދު

ގެދޮރުގެ ޙައްޤަކީ ނިގުޅައިނުގަނެވޭނެ ޙައްޤެއް ނޫން: ޝާހިދު

Author
ހުސައިން
19 މާރޗް 2025 10:52
0

ގެދޮރުވެރިޔާ ފްލެޓްތައް އަތުލެވޭނީ އަދުލުވެރި ބަދަލެއް ދިނުމަށްފަހު ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި ޕޯސްޓް ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނޭ އެއްޗެއް ނޫން ކަމަށެވެ.

"އާންމު ވެގެންވާ ފައިދާއަކަށް ޓަކައި އެކަން ކުރަން ޖެހިއްޖެ ހާލަތެއްގައިވެސް އެކަން ކުރެވޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ކޯޓުގެ ހުކުމަކުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި. މިއީ ޤާނޫނު އަސާސީގައި މިކަން އޮތްގޮތް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 4000 ފްލެޓްގެ ހައްޤުވެރިން ކުރީގެ ސަރުކާރުން ވަނީ ކަނޑައަޅުއްވާފައި ކަމަށާއި އެއީ އެ 4000 ރައްޔިތުންގެ ހައްޤެއް ކަމަށެވެ. އެ ހައްޤު ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައި އެބައޮތް ކަމަށާއި އެ ނިގުޅައެއް ނުގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ފެނިގެން ދަނީ އިސްރާއީލުން ޢަމަލުކުރަމުންދާ ގޮތަށް. އިސްރާއީލުގެ ސަރުކާރުން ޢަމަލުކުރަމުން ގެންދާ ގޮތަށް އަޅުގަނޑުމެންގެ 4000 ރައްޔިތުންގެ ހައްޤުތައް، އެ މީހުންގެ ބޯހިޔާވަހިކަން، އެ މީހުންގެ ގެދޮރު ނިގުޅައިގަންނަތަން" ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން، ރޯދަ މަހާ ދިމާކޮށް، ރޯދައަށް ހަނދު ބެލި ރޭ އިސްރާއީލްގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ ދޭތެރޭގައި ޢަމަލުކުރާ ގޮތަށް ދިވެހި ރައްޔިތުންގެ ތެރެއިން 4000 މީހުންގެ ފްލެޓް ނިގުޅައިގެންފައިވާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރަކީ އިސްރާއީލްގެ ސަރުކާރެކޭ އެއްފަދަ އަނިޔާވެރި ސަރުކާރެއް ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ޤާނޫނު އަސާސީގެ އިމުގެ ތެރެއަށް ސަރުކާރުން ވަނުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.