ޑިފެންސް މިނިސްޓްރީން މިއަދު ވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތް ދޭނެ އުސޫލު އާއްމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން ޝަހީދުވި ސިފައިންގެ އާއިލާގެ މެމްބަރުންގެ ތެރެއިން މައިންބަފައިންނާއި ދަރިން އަދި ހުވަފަތް އަނބިން ކުރެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ދޭން ނިންމާފައިވެއެވެ.
މި އުސޫލުގައިވާ ގޮތުން އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށްޓަކައި ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ދޭނެއެވެ. އަދި ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ. މީގެ އިތުރުން ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000 ރުފިޔާގެ އިނާޔަތެއް ދޭނެއެވެ.
އުސޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން މި އިނާޔަތް ލިބޭ މީހަކު ނިޔާވެއްޖެނަމަ އެ އިނާޔަތް ދިނުން ނިމުމަކަށް އަންނާނެއެވެ.
ނޮވެމްބަރު 3، 1988 ގައި ތަމަޅަ ޓައިގަތުންގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންގެ އަށް ބޭކަލުން ޝަހީދުވިއެވެ. އަދި އާންމުން ހިމެނޭހެން ޖުމްލަ 19 ދިވެހިން މި ހަމަލާގައި ޝަހީދުވިއެވެ.
އިސްވެދިޔަ ޙާދިސާގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުން ކުރިން ވެސް ވަނީ އިނާޔަތެއް ދީފައެވެ. މިފަހަރު އިތުރު އިނާޔަތްތަކެއް ދިނުމަށް ނިންމާފައިވަނީ އެ ބޭފުޅުންގެ ޤައުމީ ޚިދުމަތާއި ޝަހާދަތް ވަޒަންކުރުމުގެ ގޮތުންނެވެ.