ރޯދަމަހުގެ ފަހު 10 އަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

ރޯދަމަހުގެ ފަހު 10 އަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

ގުޅުންހުރި

ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ސަރުކާރުން ކަނޑައަޅައިފައިވާތީ، އެ ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް ބޭއްވުން މެދުކަނޑާލުމަށް ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އެޕްރީލް 7 ވަނަ ދުވަހުގައި ކަމަށެވެ. އެހެންކަމުން ޝައްވާލު މަހުގެ ހަ ރޯދައަށް ވެސް މަޖިލިސް ބަންދުވާނެއެވެ.

އެކަން އިޢުލާނުކުރުމުގެ ކުރިން ޢަބްދުއްރަޙީމް ވަނީ، ރޯދައިގެ ފަހު 10 ދުވަހުގައި މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށާއި މި މަހުގެ ފުރިހަމަ ސަވާބާއި ފައިދާ ލިބިގަތުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި މިވަނީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބައެއް ބިލުތަކުގެ މަސައްކަތް ނުނިމި އޮއްވައެވެ. އެގޮތުން އިޒްރޭލް ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމާ އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު އަދިވެސް އޮތީ ކޮމިޓީ މަރުޙަލާގައެވެ.

މާދަމާއިން ފެށިގެން ސަރުކާރު ބަންދުވަނީ އެޕްރީލް 5 ވަނަ ދުވަހާ ހަމައަށެވެ.

ރިޔާސީ ވަޢުދެއްގެ ގޮތުގައި ރައީސް މުޢިއްޒު މިކަން އިޢުލާނުކޮށް ވެރިކަމުގައި މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ބުންޏެވެ.

މި ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތެއް އެ ތަންތަނުން ކަނޑައެޅުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ ފަހު 10 ދުވަސް ބަންދުކުރުމަށްފަހު ސަރުކާރުން ނިންމީ އެ ދުވަސްތަކުގައި ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ