ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހުސެއިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން އިއްތިފާޤުން ފާސްކޮށްފިއެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވި 64 މެންބަރުން ވަނީ ޝަހީދު އެ މަޤާމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި އެއްވެސް މެންބަރަކު އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ސުލޫކީ މައްސަލަތަކެއް ތަހުޤީޤުކުރަން ފެށުމާ ގުޅިގެންނެވެ.
މި މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމުން ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތާއި ޤާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް ވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް ތިން ބޭފުޅުންނާ ވަކިވަކިން އިންޓަވިއު ކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނީ ޝަހީދު އެ މަޤާމަށް އައްޔަނުކުރުމަށެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރް، މަހާޒް އަލީ ޒާހިރު، އާއިޝާ ޝުޖޫން މުހައްމަދު، އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން އައު ފަނޑިޔާރު ހުސެއިން ޝަހީދެވެ.