ވަގަށް ނަގާފައިވާ ސައިކަލެއްގައި ދުއްވަނިކޮށް ހައްޔަރުވި މީހާ ބުނީ  ސައިކަލަށް އެރުނީ އޮޅިގެން ކަމަށް

ވަގަށް ނަގާފައިވާ ސައިކަލެއްގައި ދުއްވަނިކޮށް ހައްޔަރުވި މީހާ ބުނީ ސައިކަލަށް އެރުނީ އޮޅިގެން ކަމަށް

Author
ހުސައިން
18 މާރޗް 2025 08:07
0

ކޮއްކޮގެ ސައިކަލަށް އަރަން އުޅުނީ ކަމަށް ބުނެ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއްގައި ދުއްވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހަކު، އެ ސައިކަލަށް އެރުނީ އޮޅިގެންކަމަށް ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނީ ހދ. ކުޅުދުއްފުށީ، ޗާންދަނީގޭ، 25 އަހަރުގެ މުހައްމަދު ފާރިހެވެ. ފުލުހުން ފާރިހް ހުއްޓުވިއިރު، އޭނާއަށް ސައިކަލުގެ މަޑި ހުޅުވަން ނޭނގުމުން، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ފުލުހުން ބެލިއެވެ.

ކޯޓު އަމުރުގައި ވާގޮތުން ފާރިހް ބުނީ، އޭނާ އަރަން އުޅުނީ އޭނާގެ ކޮއްކޮގެ ސައިކަލަށް ކަމަށާއި، އެ ސައިކަލު ޖެހިގެން އިން ސައިކަލަށް އެރުނީ އޮޅިގެން ކަމަށެވެ. އޭނާގެ ބަޔާނުގައި އޭނާގެ ކޮއްކޮ އެ ސައިކަލު ގެންގުޅޭތާ އަހަރުތަކެއް ވެދާނެ ކަމަށާއި، ނަމަވެސް އެ ދެ ސައިކަލު ތަފާތުކުރަން ނޭނގުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާރިހްއަކީ މިފަދަ މައްސަލަތަކުގައި ކުރިންވެސް ހައްޔަރުކުރެވި ބަންދުކުރެވިފައިވާ މީހެކެވެ. އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި ފުލުހުން އޭނާ ހައްޔަރުކުރިއެވެ.

ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ސައިކަލު ވަގަށް ނެގުމަށް އެހީތެރިވެދިން ކަމަށް ބެލެވޭ އެހެން މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި، ނަމަވެސް އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މި މައްސަލައިގައި ފާރިހްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.