ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީ ހިދުމަތް ދޭ، ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް މަރިޔަމް ވިސާމް ހަމަޖައްސައިފި އެވެ.
އެ ކުންފުނީގެ ބޯޑުން އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ.
މަރިޔަމް ވިސާމްއަކީ މީގެ ކުރިން 11 އަހަރު ދުވަހު ކުންފުނިތަކުގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ފަރާތެކެވެ. އޭނާ މި އަހަރުގެ މާރޗު މަހުގެ 4 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވިއެވެ.
ވިސާމްއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. އަދި ނޯތަމްބްރިއާ ޔުނިވަރސިޓީން މާކެޓިންގ މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީވެސް ހާސިލް ކުރައްވާފައިވެއެވެ.
ރެޖިސްޓްރާގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ވިސާމް ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޑިރެކްޓަރުކަމާއި އެކްޓިން ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރައްވާފައެވެ. މީގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑު މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.