މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ހުޅުމާލޭގައި ފަހެއް ނުވަތަ ހަތް ސްކޫލް ޢިމާރާތްކުރުމަށް ތަޢުލީމީ ވުޒާރާއިން ނިންމައިފިއެވެ. މީގެ ތެރެއިން ދެ ސްކޫލެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާސީ އައު އަހަރަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ތަޢުލީމީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުޙައްމަދު ވިދާޅުވީ ސްކޫލްތަކަށް ދަރިވަރުން ވަނުމުގައި އެންމެ ޑިމާންޑު ބޮޑީ ހުޅުމާލޭގެ ސްކޫލްތަކަށް ކަމަށެވެ.
"ރައީސްގެ ވަޢުދާ އެއްގޮތަށް ސްކޫލްތައް އެޅުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރު 2 ސްކޫލް ހުޅުމާލޭގައި އަޅާނެ. އެއީ ފޭސް 1ގައި އެއް ސްކޫލް އަދި ފޭސް 2 ގައި އަޅާ ސްކޫލެއް. މިއަހަރު ޢަމަލީ މަސައްކަތް ފެށޭނެ. އިތުރު ސްކޫލްތައްވެސް އެޅުން ވީހާވެސް އަވަހަށް ފެށުމަށް ކުރިއަށްދާނެ. ޖުމްލަގޮތެއްގައި އަޅުގަނޑުމެންގެ ޕްލޭން އޮތްގޮތުން 5 ނުވަތަ 7 ވަރަކަށް ސްކޫލް ހުޅުމާލެ އޭރިއާގައި އެޅުމަށް،" ޝިފާޒް ވިދާޅުވިއެވެ.
ދިރާސީ އައު އަހަރަށް ފެށޭއިރު، ދަރިވަރުން މިހާރު ކިޔަވަމުންދާ ސްކޫލް ނޫން އެހެން ސްކޫލްތަކަށް 1300 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވުމަށް އެދިފައިވާކަމަށް ޝިފާޒް ފާހަގަކުރެއްވިއެވެ. އޭގެތެރެއިން 700 އަށްވުރެ ގިނަ ދަރިވަރުންނަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުވާ ދަރިވަރުންނެވެ.
ޝިފާޒް ވިދާޅުވީ، ހުޅުމާލޭގެ ސްކޫލްތަކަށް ޑިމާންޑު ބޮޑުވަނީ، އެ ސަރަހައްދަށް ގިނަ އާއިލާތަކެއްގެ ދިރިއުޅުން ބަދަލުވާތީކަމަށެވެ. ތަޢުލީމީ ވުޒާރާއިން އަބަދުވެސް އެންމެ އިސްކަންދެއްވަނީ އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދެއްގެ ސްކޫލަކުން ޖާގަ ދިނުމަށް ކަމަށެވެ.
މިހާރު ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރަމުންދާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އެ ސްކޫލްގައި ފަށާނެކަމަށްވެސް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލޭގައި މިހާރު ކިޔަވައިދޭ ސްކޫލަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް މިއަހަރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ހުލުމާލޭ ޣާޒީ ސްކޫލަށް އިތުރު 18 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޝިފާޒް ވިދާޅުވީ އަލަށް ޢިމާރާތްކުރާ ސްކޫލްތަކާއެކު 2027 ވަނައަހަރަށް ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލްތަކުގެ ޖާގަ އިތުރުވެ ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ބިނާކުރައްވާ ފުރަތަމަ ސްކޫލްގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. 54 ކްލާސްރޫމާއި، ހޯލާއި، ސްކޫލްތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ކުޅިވަރު ކުޅެވޭނެ ޓާފްދަނޑެއް ހިމެނޭހެން ޢިމާރާތްކުރެވޭ 1700 ދަރިވަރުންގެ އެ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.