އަތޮޅު ތެރޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ އެޑިޔުކޭޝަން މިނިސްޓްރީން ހަވާލުކޮށްފި އެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަނަށެވެ. އެ ކުންފުނިތަކާ މަސައްކަތް ހަވާލުކުރީ އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި ތިން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުންނެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ 12 ސްކޫލެއްގެ މަސައްކަތެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހއ. އުލިގަމާއި ރ. އުނގޫފާރާއި ކ. މާފުށި އަދި ވ. ފެލިދޫ ސްކޫލްގެ މަސައްކަތެވެ. އަދި އާރްޑީސީއާ ހަވާލުކޮށްފައިވަނީ ހއ. ފިއްލަދޫ އަދި ރ. ހުޅުދުއްފާރު ސްކޫލްގެ މަސައްކަތެވެ.
ދާދިފަހުން 75 ރަށެއްގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ވެސް ފެނަކަ އާއި އެމްޓީސީސީގެ އިތުރުން އާރުޑީސީއާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ހުއްޓިފައިވާ މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ފެށުމަށް މި ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ. އެކަން ހާސިލް ކުރުމަށްޓަކައި އެކި ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ އިއުލާން ކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ