ބިލް ތަސްދީގު ނުކުރެއްވީ މިހާރު ސަސްޕެންޝަންގައި ތިބި ފަނޑިޔާރުންނަށް އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެތީ: ރައީސް

ބިލް ތަސްދީގު ނުކުރެއްވީ މިހާރު ސަސްޕެންޝަންގައި ތިބި ފަނޑިޔާރުންނަށް އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެތީ: ރައީސް

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރުމުގެ ބިލު، ތަސްދީގު ނުކުރެއްވި މައިގަނޑު ސަބަބަކީ، މިހާރު ސަސްޕެންޝަންގައި ތިބި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީއަށް އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެތީ ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު އަމިއްލަ ހައިސިއްޔަތުންނެވެ. އެހެންނަމަވެސް، މަޖިލީހުގައި ބިލަށް ތާއީދުކޮށް ވޯޓުދިނުމަށް މެންބަރުންނަށް އަންގާފައިވަނީ ޕީއެންސީގެ ލީޑަޝިޕުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް ކުޑަކުރުމަށް ގާނޫނު ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ފާސްކުރި ބިލެކެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ އެއްވެސް ސުލޫކީ މައްސަލައެއް ބެލުމެއްނެތި، ފަނޑިޔާރުންގެ ގާބިލުކަން ވަޒަންކުރާނެ ގޮތުގެ ފުރުސަތު ގެއްލިގެންދާނެކަމަށެވެ. އަދި، "ފަނޑިޔާރުކަމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލަށް ފުށުއަރާ ގޮތަށް ހިންގޭނެ އިޖުރާތެއް ކަމަށް ބެލެވިދާނެތީ" ކަމަށްވެސް ރައީސްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވަނީ "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ނިންމާފައިނުވާހާ ހިނދު މި ބިލު ތަސްދީގުވެ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމަށް ގާބިލުނޫން ކަމަށް ކަނޑައެޅުމުގެ އިޖުރާތު މި ވަގުތު ހިންގުމަކީ އެންމެ އިންސާފުވެރި ހަމަހަމަ ކަމާއެކު ހުރިހާ ފަނޑިޔާރުން ޝާމިލުވާ ގޮތަށް ފަނޑިޔާރުންގެ ގާބިލުކަން ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް ފުރުސަތު ގެއްލިގެންދާނެ ކަމެއް" ކަމަށެވެ.

މި ބިލު އިސްލާހު ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވި 50 މެންބަރުންނާއި ނުފެންނަ ކަމަށް ވޯޓު ދެއްވި 7 މެންބަރުން ތިއްބެވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ފާސްކުރެވުނީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ކުރިއަށް ގެންދިޔުމަށް ކޯޓުން ނިންމާފައިވަނިކޮށެވެ.

ސަސްޕެންޝަންގައި ތިބި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ