އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިޔާގެ ތެޔޮ ގަތުމަށް އެމެރިކާއިން 30 ދުވަހުގެ ލުޔެއް ދީފިއެވެ.
އެމެރިކާގެ ޓްރެޝަރީން ދިން މި ހާއްސަ ހުއްދައިގެ ދަށުން، މިހާރު ކަނޑުމަތީގައި ތާށިވެފައިވާ ރަޝިޔާގެ ތެޔޮ ބޯޓުފަހަރުން ތެޔޮ ބޭލުމާއި ވިއްކުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެއެވެ. ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މި ކުރު މުއްދަތުގެ ލުޔަކީ އެމެރިކާއާއި އިސްރާއީލު އަދި އީރާނުގެ ހަމަނުޖެހުންތަކާ ހެދި ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއެޅި، ތެލުގެ ބާޒާރަށް އައިސްފައިވާ ފިއްތުންތައް ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ. އަދި މިއީ ވަކި ދާއިރާއަކަށް އަމާޒުކޮށްގެން ދިން ލުޔަކަށް ވާތީ، މީގެ ސަބަބުން ރަޝިޔާއަށް މާލީ ބޮޑު މަންފާއެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނިންމުމާއެކު އޭޝިއާގެ ބާޒާރުތަކުގައި ތެލުގެ އަގު ވަނީ ދަށްވާން ފަށާފައެވެ. އަގުތައް ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ދަނީ އިތުރު ފިޔަވަޅުތައް ވެސް އަޅަމުންނެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އާ ގުޅިގެން އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވުން 172 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުން ހިމެނެއެވެ. އައިއީއޭ އިން ސިފަކުރާ ގޮތުގައި މެދުއިރުމަތީގެ މިހާރުގެ ހަނގުރާމައަކީ ތާރީހުގައި ވެސް ތެޔޮ ސަޕްލައިއަށް ކުރިމަތިވި އެންމެ ބޮޑު ހުރަހެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހާރުވެސް ރަޝިޔާގެ 124 މިލިއަން ފީފާ ތެޔޮ އެކި ސަރަހައްދުތަކުގައި ޓޭންކަރުތަކުގައި ތާށިވެފައި އެބަހުއްޓެވެ. މިއީ ބާޒާރަށް ދޫކޮށްލައިފިނަމަ، ދުނިޔެއަށް ހަ ދުވަހަށް ބޭނުންވާ މިންވަރުގެ ތެލެވެ.
އެމެރިކާގެ މި ނިންމުމާ ގުޅިގެން ހުޅަނގުގެ ބައެއް ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަަ ލޭޔަން ވިދާޅުވީ، މިއީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭންވީ ވަގުތު ނޫން ކަމަށެވެ. އެހެންނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ ތެލުގެ އަގު ދަށްކުރުމަށް ޝިޕިން ގަވާއިދުތަކަށް ލުއިދިނުމާއި ގަލްފް ސަރަހައްދުގައި ދަތުރުކުރާ ބޯޓުފަހަރަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އިތުރު ފިޔަވަޅުތަކަށް ވިސްނަމުންނެވެ. ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓީވަން މިލާ ވިދާޅުވި ގޮތުގައި، އަގުތައް ތިރިކުރުމަށް ރައީސް ގެންދަވަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފިޔަވަޅުތަކެއް ފެނިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ