އިންޑިއާގެ ތެޔޮ ޓޭންކަރުތަކަށް ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް އީރާނުގެ ޚާއްސަ ހުއްދައެއް

އިންޑިއާގެ ތެޔޮ ޓޭންކަރުތަކަށް ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް އީރާނުގެ ޚާއްސަ ހުއްދައެއް

Author
ހުސައިން
13 މާރޗް 2026 11:42
0

އިންޑިއާގެ ހަކަތައިގެ ސަޕްލައިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ޔަގީންކަން އީރާނުން އިންޑިއާގެ ތެޔޮ ޓޭންކަރުތަކަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނަމަވެސް އީރާނުގެ މަސްދަރަކުން ވަނީ މިފަދަ ރަސްމީ އެއްބަސްވުމެއް ވެފައިވާކަން ދޮގުކޮށްފައެވެ. އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި މި ޔަގީންކަން ލިބުނީ ދަތުރުފަތުރުގެ ރައްކާތެރިކަމާއި އިންޑިއާގެ ހަކަތައިގެ ސަލާމަތާ ގުޅޭގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން ދާދި ފަހުން ކުރެއްވި ފޯނު ކޯލަކަށް ފަހުގައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން މި މަޝްވަރާތައް ކަށަވަރުކޮށްދިން ނަމަވެސް، ވަކި އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށް ބުނަން ވަނީ ދެކޮޅުހަދާފައެވެ.

މިދިޔަ މަހުގެ ފަހުކޮޅު އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ފެށުނު ހަނގުރާމައާ ގުޅިގެން މި ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. މި ހަނގުރާމަ ފެށުނު ފަހުން މެދުއިރުމަތިން އިންޑިއާއަށް އައި ފުރަތަމަ ތެޔޮ ޓޭންކަރު ކަމަށްވާ، ސައުދީގެ ސާފުނުކުރާ ތެޔޮ އުފުލާ 'ޝެންލޯންގް' އިއްޔެ ވަނީ ކަނޑުއޮޅި ހުރަސްކޮށް މުމްބާއީއަށް ބަނދަރުކޮށްފައެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުންކުރާ އިންޑިއާއިން އެތެރެކުރާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 40 އިންސައްތަ ބަރޯސާވަނީ މި މަގަށެވެ. އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި، މިހާރުވެސް އިންޑިއާގެ 778 ފަޅުވެރިންނާއެކު އިންޑިއާ ދިދަ ޖަހާފައިވާ 28 އުޅަނދެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދެއެވެ.

ހަނގުރާމަ ފެށުނު ފަހުން މަދުވެގެން 16 އުޅަނދަކަށް ވަނީ ހަމަލާދީފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ހިނގަމުންދާ ހަނގުރާމައިގައި ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް އަސްކަރީ ހަމަލާތައް ދެމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ކަނޑުދަތުރުފަތުރުގެ ސަލާމަތާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާއެކު، އިންޑިއާއަށް މިހާރު ވަނީ ތެޔޮ ހޯދާނެ އެހެން ގޮތްތައް ބަލަން މަޖުބޫރުވެފައެވެ. އޭގެ ތެރޭގައި ރަޝިޔާއިން ގަންނަ ތެލުގެ މިންވަރު އިތުރުކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.