ރާއްޖޭގައި ދުއްވާ އިލެކްޓްރިކް ވެހިކަލް (އީވީ) ތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ބޭނުންކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގައި މިފަދަ ބަދަލެއް ގެންނަ ފުރަތަމަ ފަހަރު ކަމަށެވެ. މި ބަދަލާއެކު މަގުމަތިން މިފަދަ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ފަސޭހައިން ފާހަގަކުރެވިގެންދާނެއެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޕް29 ގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އީވީތަކުގެ ނަންބަރު ބޯޑަށް މި ގެނެވޭ ބަދަލާއެކު، މާލެ ސަރަހައްދުގައި ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ހިދުމަތެއް ފެށުމަށްވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ހާއްސަ ޓެކްސީ ލައިންގެ ހިދުމަތް މި މަހުގެ 18 ވަނަ ދުވަހާ ދިމާވާ ފިތުރު އީދުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު އަމީން މީގެ ކުރިން ވިދާޅުވި ގޮތުގައި ތިމާވެއްޓާ ރައްޓެހި ފްލީޓަކާއެކު ފަށާ މި ހިދުމަތުގެ ފުރަތަމަ ބުރުގައި 150 ކާރު ބޭނުންކުރާނެއެވެ.
ކޮމެންޓު ފޮނުވާ