މިދިޔަ ޖެނުއަރީ މަހާ އަޅާބަލާއިރު، ނިމިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި އަރިދަފުސް ރޯގާއާއި ޑެންގީ ހުމުގެ އިތުރުން އާންމު ބަލިތައް ޖެހިގެން ރިޕޯޓުކުރި މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފެބްރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވަނީ 23،573 މީހުންނެވެ. މިއީ އޭގެ ކުރީ މަހު ރިޕޯޓުކުރި 35،693 ކޭސްއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. ހަމައެހެންމެ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް މިއަހަރު ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ ދަށްވެފައެވެ.
މީގެ އިތުރުން، ޑެންގީ ހުން ޖެހިގެން ފެބްރުއަރީ މަހު ރިޕޯޓުކޮށްފައިވަނީ 412 ކޭސްއެވެ. ޖެނުއަރީ މަހު މި އަދަދު އުޅުނީ 668 ގައެވެ. އިންފްލުއެންޒާއަށް ބަލާއިރުވެސް ބަލިޖެހުނު މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އެގޮތުން ޖެނުއަރީ މަހު 99 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވި ނަމަވެސް، ފެބްރުއަރީ މަހު ޕޮޒިޓިވްވެފައިވަނީ އެންމެ 8 މީހުންނެވެ. މިއަހަރުގެ މިހާތަނަށް 920 މީހަކު އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާއިރު، ބައްޔަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 107 މީހުންނެވެ.
އަރިދަފުސް ރޯގާގެ އިތުރުން، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލިތައްވެސް ވަނީ ފެބްރުއަރީ މަހު މަދުވެފައެވެ. އެގޮތުން ޖެނުއަރީ މަހު 8،429 މީހުން މި ބަލިތަކަށް ފަރުވާ ހޯދާފައިވާއިރު، ފެބްރުއަރީ މަހު ޑޮކްޓަރަށް ދައްކާފައިވަނީ 7،196 މީހުންނެވެ.
ކޮމެންޓު ފޮނުވާ