މާލެ (16 މާރިޗު 2025) – ދިވެހިރާއްޖޭގައި ގާނޫނާ ޚިލާފަށް ސިނގިރޭޓް އުފެއްދި ކުންފުންޏެއްގެ ވިޔަފާރި ރަޖިސްޓްރީ ބާޠިލްކޮށް، އެ ތަނުން އަތުލައިގަތް ސިނގިރޭޓްތައް ނައްތާލުމުގެ ހުއްދަ ސަރުކާރުން ދީފިއެވެ.
ހ. ހުޅުގަލީގެ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއްގައި ގާނޫނާ ޚިލާފަށް ސިނގިރޭޓް އުފައްދަމުންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެތަން ރެއިޑްކޮށްފައެވެ. ރެއިޑްކުރުމުގައި ފުލުހުންނަށް ވަނީ 49,000 ސިނގިރޭޓް ފޮށި ހޯދައިފައެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ރޭޑިއަސް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ބާޠިލްކޮށްފައިކަމަށެވެ. އަދި އަތުލައިގަނެފައިވާ ސިނގިރޭޓްތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ވަނީ ދީފައިކަމަށެވެ.
ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން ހުއްދަކުރެވިފައިވީ ނަމަވެސް، ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ މުޅިން މަނާކުރެވިފައިވާ ކަމެކެވެ.
މި މައްސަލަ ތަޙްޤީޤުކުރުން ދަނީ ކުރިއަށެވެ.