ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ގުޅުންހުރި

މާލެ، 15 މާރިޗު 2025 – ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ދެވަނަ ފަހަރަށް ހުޅުވާލި ފުރުޞަތު މިއަދު ހެނދުނު 10:00 ގައި ހަމަވިއިރު ތިން ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހައި ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލް ރުސްދުﷲ އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ފުރަތަމަ ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވުމާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ދެވަނަ ފަހަރަށް އިޢުލާން ކުރިއެވެ. ފުރަތަމަ އިޢުލާންގައި މި މަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި މަރިޔަމް ނިހާޔަތެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމާ ގުޅިގެން ފަނޑިޔާރު ޙުސްނުއް ސުޢޫދު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

މިވަގުތު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރް މިވަގުތު ތިއްބެވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ޖިނާއީ ތަޙްޤީޤަކާ ގުޅިގެން ސަސްޕެންޑް ކުރެވިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ޢުމުރުން 30 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއި، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި މަދުވެގެން 7 އަހަރުދުވަހުގެ ތަޖުރިބާ ހުރުން ޝަރުޠުގެ ގޮތުގައި ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ