ރައީސްގެ ދަރިންގެ އަބުރު ނަގާލާފައިވާތީ އެމްޑީޕީއާއި އެޕާޓީގެ ޗެއަރޕާސަން އަދި އެކްޓިވިސްޓު މަންދީގެ މައްޗަށް އާއިލާއިން ދަޢުވާކުރަން ނިންމައިފި

ރައީސްގެ ދަރިންގެ އަބުރު ނަގާލާފައިވާތީ އެމްޑީޕީއާއި އެޕާޓީގެ ޗެއަރޕާސަން އަދި އެކްޓިވިސްޓު މަންދީގެ މައްޗަށް އާއިލާއިން ދަޢުވާކުރަން ނިންމައިފި

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އިތުރުން ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އަށް ދަޢުވާކުރުމަށް ނިންމައިފިއެވެ.

ރައީސްގެ އާއިލާގެ ފަރާތުން ގާނޫނީ ވަކީލު އުސްތާޛާ އާޒިމާ ޝަކޫރު މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވީ، ރައީސްގެ ބޭބޭފުޅުންގެ ފޮޓޯ އާންމުކޮށް އެ ބޭބޭފުޅުންނާ ގުޅުވައި އަބުރު ކަތިލުމާއި، ކަރާމާތް ނަގާލުމާއި ނަފްރަތު އުފެއްދުމުގެ ނިޔަތުގައި އެފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށެވެ.

ދަޢުވާކުރުމަށް ނިންމަވާފައިވަނީ ރައީސްގެ އާއިލާއާއި ގުޅުވައި ދައްކަމުން ގެންދާ ސާބިތު ނުހިފޭ ވާހަކަތަކުގެ ސަބަބުން ރައީސްގެ އާއިލާ އާ މެދު އާންމުންގެ ތެރޭގައި ނުބައި ތަސައްވުރެއް އުފައްދައި ނަފްރަތު އުފެއްދުމުގެ އިތުރުން، އިންސާނީ ކަރާމާތް ގެއްލެމުން ދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަގުތު 3 ފަރާތަކަށް ދަޢުވާ ކުރުމަށް ނިންމާފައިވާ ނަމަވެސް، އިތުރު ފަރާތްތަކަށް ދަޢުވާކުރަން ޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ދަޢުވާ ކުރުމަށް ކުރަންޖެހޭ ދިރާސާތަކުގެ އަލީގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދަޢުވާ ހުށަހެޅޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީއިން ރޭގަނޑު މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އެ ޕާޓީގެ ދުވަސްވީ އެކްޓިވިސްޓު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) ވަނީ، ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ބުނެ ތުހުމަތެއް ކޮށްފައެވެ.

އާއިލާގެ ފަރާތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، މަންދީ ތުހުމަތު ކުރި ދަރިކަލުން އުމައުރު މުހައްމަދު މުއިއްޒަކީ އުމުރުން 16 އަހަރުގެ ބޭފުޅެއް ކަމަށާއި، އުމައިރަކީ އުމުރުގެ އެއްވެސް ހިސާބެއްގައި ދުންފަތުގެ އިސްތިއުމާލެއް އަދި ވޭޕެއް ވެސް ބޭނުން ކުރެއްވި ކުއްޖެއް ނޫން ކަމަށެވެ.

ފަސްޓް ލޭޑީ އަދި އުމައިރުގެ މަންމާފުޅު ސާޖިދާ މުހައްމަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، "މިއަދު އަޅުގަނޑުގެ ކުދިންނާ، ޚާއްޞަގޮތެއްގައި އަޅުގަނޑުގެ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ގަސްދު ކޮށްފިން" ކަމަށެވެ.

އާޒިމާ ވިދާޅުވެފައިވަނީ މި މައްސަލައިގައި ފައްޔާޒަށް ދަޢުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓް ކުރައްވާފައިވާތީ ކަމަށާއި، އެމްޑީޕީއަށް ދަޢުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ