ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ އެންމެ ދޮށީ ދަރިފުޅަކީ ވޭޕް ބޭނުންކޮށް ދުންފަތުގެ އިސްތިޢުމާލު ކުރާ ކުއްޖެއްކަމަށް ބުނެ ސިޔާސީ ޕްލެޓްފޯމްތަކުގައި ދައްކަމުން ގެންދާ ވާހަކަތައް އެކަމަނާ މިއަދު ދޮގުކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެޑަމް ސާޖިދާގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވާހަކަދައްކަވަމުން ވަނީ ސިޔާސީ ޕޯޑިއަމްތަކުގައި ދެކެވޭ މިފަދަ ވާހަކަތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ޢާއިލާއަށް ބުލީކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.
މެޑަމް ސާޖިދާ ދެއްވި ބަޔާނެއް ވިދާޅުވަމުން އާޒިމާ ވިދާޅުވީ، މިފަދަ ޢަމަލުތަކެއް ހިންގަމުން އަންނަނީ ސިޔާސީ ފައިދާއެއް ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު އުމޭރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޚާއްޞަކޮށް މި ދެތިން ދުވަހެއްގެ ތެރޭގައި ވަނީ ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކާ މީޑިއާއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރާފަ. މިގޮތަށް ފަތުރާފައިވާ ވާހަކަތަކުގެ ތެރޭގައި އުމޭރަކީ ވޭޕް ބޭނުންކުރާ ކުއްޖެއްކަމަށް ބުނެ ފަތުރާފައިވާ ދޮގު ވާހަކަތަކެއް ހިމެނޭ،" ކަމަށް ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ޖިނާއީ ދަޢުވާ ކުރެވެން އޮތް ނަމަވެސް، އެކަމުގައި ސާޖިދާގެ ފަރާތުން ނިންމަވާފައިވަނީ މަދަނީ މައްސަލަތަކުގައި ކުރިއަށް ދިއުމަށް ކަމަށް ވެސް އާޒިމާ މިއަދު ހާމަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއެއްގައި ރައީސްގެ ދޮށީ ދަރިކަލުންނާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ބައެއް އިސްވެރިން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަންދީ ދެއްކެވި ވާހަކަތައް ދައްކާފައިވަނީ އެމްޑީޕީން ބައްވަމުންދާ މުޒާހިރާތަކުގައެވެ.