މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ވަނީ ސިޔާސީ ނުފޫޒުގެ ދަށަށް ގޮސްފަ: އެމްޑީޕީ

މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ވަނީ ސިޔާސީ ނުފޫޒުގެ ދަށަށް ގޮސްފަ: އެމްޑީޕީ

Author
ހުސައިން
14 މާރޗް 2025 07:30
0

މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ސިޔާސީ ނުފޫޒުގެ ދަށަށް ގޮސް، ރާއްޖޭގައި ރަސްކަމަކަށް މަގުފަހިވަމުންދާ ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބަޔާނެއް ނެރެއްޖެއެވެ.

މި ބަޔާނުގައި އެމްޑީޕީން ފާހަގަކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ފަދަ މުސްތަޤިއްލު މުއައްސަސާތަކުގެ މަސައްކަތްތައް ހުރީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބަދަލުގައި އަމިއްލަ މަޤާމު ދިފާޢުކުރުމަށް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ޙައްޤުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި ރާއްޖޭގައި ރަސްކަމެއް ހިންގުމަށް މަގުފަހިކޮށްދިނުން ހުއްޓާލުމަށް" އެމްޑީޕީން އެ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.

އެމްޑީޕީގެ އިޙްތިޖާޖުތަކާ ގުޅިގެން ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެފައިވާ ކަމަށް ބުނެ އެޗްއާރްސީއެމް އަދި އީސީން ނެރުނު ބަޔާންތަކަކީ ސިޔާސީ ބޭނުމަށް ނެރުނު ޙަޤީޤަތެއް ނެތް ބަޔާންތަކެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެމްޑީޕީން އިތުރަށް ބަޔާންކޮށްފައިވަނީ އެ ޕާޓީން ކުރިއަށްގެންދާ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ހިނގާފައިނުވާނެ ކަމަށެވެ.

އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެތައް ޙައްޤަކަށް ރައީސް މުޢިއްޒު އަރައިގަންނަމުންދާއިރު، އެ ޣައިރު ޤާނޫނީ ޢަމަލުތަކާމެދު އެއްވެސް ފިޔަވަޅެއް އަޅަން އެޗްއާރްސީއެމުން ނުކުޅެދިފައިވާކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ސުލްޙަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅައި ސިޔާސީ ޕާޓީތައް ފޮހެލުމަށް ރައީސް މުޢިއްޒު މަސައްކަތްކުރައްވަމުން ގެންދަވާއިރު، އިލެކްޝަންސް ކޮމިޝަނުން ވެސް އެ މަސައްކަތަށް އެއްބާރުލުން ދެމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.