ދިގުރަށުގެ ބަނދަރު ނޫން އެހެން ސަރަހައްދުތަކަށް ފަތުރުވެރިން ގޮސް މަޑުކޮށްފިނަމަ، ފީ ދެއްކުމަށް ކައުންސިލުން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ޢަމަލުނުކުރާ ފަތުރުވެރިންނާމެދު ދިގުރަށު ކައުންސިލުން ޢަމަލުކުރާ ގޮތާ ގުޅޭގޮތުން އިންކުއަރީއެއް ހިންގުމަށް މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ކައުންސިލްސް އާދަމް ޝަރީފް އުމަރު ނިންމަވައިފިއެވެ.
މިކަމާ ގުޅިގެން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ މިއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި، މިކަން ހިނގާދިޔަ ގޮތް ބެލުމަށް އިންކުއަރީއެއް ކުރިއަށް ގެންދާނެ ކަމަށެވެ.
"ރަށްތަކުގެ އާންމު މިންގަނޑުތައް ހިފެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިންނަށް އެކަށީގެންވާ މެހެމާންދާރީ އަދާކުރުމަށް ރަށްތަކަށް ބާރުއަޅަން. މި މިންގަނޑުތައް ދެމެހެއްޓުމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ ކުރިއެރުމަށްޓަކައި ކަމާގުޅޭ އެންމެހާ ފަރާތްތަކާއެކު ގާތުން މަސައްކަތްކުރާނަން" މިނިސްޓަރ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދިގުރަށު ކައުންސިލުން ފީ ނުދައްކާ އުޅުނު ފަތުރުވެރިންތަކެއް މޫދުން އަރުވާލުމަށް އެރަށު ކައުންސިލްގެ ރައީސް އެންގި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ، މިކަން ބޮޑަށް ސަމާލުކަމަށް އައިސްފައިވެއެވެ.
ދިގުރަށުގެ ބައެއް ބީޗްތަކާއި ތުނޑިތަކުގައި ފަތުރުވެރިން އުޅޭނަމަ، ރަށުން ބޭރު ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 3 ޑޮލަރު އަދި ސަފާރީ ބޯޓްތަކުން ބާބަކިއު ހަދާނަމަ ފަތުރުވެރިއަކަށް 5 ޑޮލަރުގެ ފީއެއް ނަގާ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި ރަށުގެ ގެސްޓްހައުސްތަކުން ވެސް ކައުންސިލަށް ފައިސާ ދައްކަން ޖެހެއެވެ.
މި މައްސަލައާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކުންނާއި ގިނަ އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުން ދާކަން ފާހަގަކުރެވެއެވެ.