ބޭރު ގައުމުތަކަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވާފައިވާ ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މަޖިލީހުން ފާސްކޮށްފައިވަނީ ފިލިޕީންސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޑރ.މަރިޔަމް ޝަބީނާ އަހްމަދު، ސްޕެއިނަށް އިރްތިޝާމް އާދަމް އަދި ނިއުޒިލޭންޑަށް މުހައްމަދު ލުވޭޒު އައްޔަނުކުރުމަށެވެ.
މި ބޭފުޅުން ސަފީރުކަމަށް އައްޔަނުކުރުމާއިމެދު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ވޯޓު ގަޑީގައި ވޯޓަށް އަހާފައިވާއިރު މިބޭފުޅުންގެ ތެރެއިން ޑރ ޝަބީނާ ސަފީރުކަމަށް އައްޔަނުކުރުމަށް ވޯޓުގައި ބައިވެރިވެވަޑައިގަތް 55 މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވައި އެހެން މެންބަރުން ވޯޓުދެއްވާފައިވަނީ އޭނާ އެ މަގާމަށް އައްޔަނުކުރުމަށް ފެންނަކަމަށެވެ.
އިރްތިޝާމް އާދަމް ސްޕެއިންގެ ސަފީރުކަމަށް އަދި މުހައްމަދު ލުވޭޒު ނިއުޒިލެންޑުގެ ސަފީރުކަމަށް އައްޔަނުކުރުމާމެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 54 މެންބަރުންވެސް ވޯޓު ދެއްވާފައިވަނީ އޭނާ އެ މަގާމަށް އައްޔަނުކުރުމަށް ފެންނަކަމަށެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ފާހަގަކުރިގޮތުގައި މި ތިން ބޭފުޅުންނަކީ މިހާރު ވެސް އެހެން ގައުމުތަކުގައި ސަފީރުންގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކެވެ.
މިގޮތުން މަރިޔަމް ޝަބީނާއަކީ މެލޭޝިއާއަށް މިހާރުވެސް ކަނޑައަޅާފައިވާ ސަފީރެވެ. އިރްތިޝާމް އާދަމްއަކީ އިނގިރޭސި ވިލާތަށް ކަނޑައަޅާފައިވާ ސަފީރެވެ. އަދި މުހައްމަދު ލުވޭޒުއަކީ ސިންގަޕޫރަށް ކަނޑައަޅާފައިވާ ސަފީރެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ނިންމާފައިވަނީ މި ބޭފުޅުންނަކީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ، އަދި ދިވެހި ދައުލަތް ތަމްސީލުކުރުމަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ އަދި ޤާބިލުކަން ހުރި ބޭފުޅުންކަމަށެވެ.