މާލޭގައި ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި، ގެއަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރެވުނު 4 މީހުން އެތަނަށް ގޮސްފައިވަނީ ފައިސާ ލިބޭގޮތަށް ސާފުކުރުމުގެ މަސައްކަތަށް ކަމަށް ބުނެފިއެވެ.
މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު ބިރުދައްކައި އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މާރިޗް 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެމީހުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވިފައިވަނީ ރީތިހިޔާ، އއ. މާޅޮސް، މުހައްމަދު އަފްލާހް (23އ)، އެލަސް، ނ. ވެލިދޫ، އިބްރާހިމް އަހްނަފް (21އ)، ހަވޭލީ، ނ. މަނަދޫ، މުހައްމަދު އަޒަން (23އ) އަދި ފަޒާ، ތ. ގުރައިދޫ، އަލީ ނަވާފު (21އ) ގެ މައްޗަށެވެ.
ބަންދު އަމުރުގައިވާ ގޮތުން، ހައްޔަރުކުރެވުނު މީހުންނަކީ ކުރިންވެސް ހައްޔަރުގެ ލޮގް އޮތް މީހުންނެވެ. މީހުން ބުނެފައިވަނީ އެ ތަނަކީ އެމީހުންގެ ރައްޓެއްސަކު ކުއްޔަށް ނަގާފައިވާ ތަނެއްކަމަށާއި، އެކަމުގެ އެގްރީމެންޓެއްވެސް އޮންނާނެ ކަމަށެވެ. އެތަނަށް ދިޔައީ ފައިސާ ލިބޭގޮތަށް ސާފުކުރުމުގެ މަސައްކަތަށް ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ދީފައި ނުވާނެ ކަމަށްވެސް ބުނެއެވެ.
ނަމަވެސް، މައްސަލަ ބަލާ ފުލުހުން ބުނާގޮތުގައި އެ ތަނަކީ އެ މީހުން ބުނާ ފަރާތުން ކުއްޔަށް ނަގާފައިވާ ތަނެއްކަން ސާބިތުކޮށްދޭ އެއްވެސް ލިޔުމެއް ހުށަހަޅާފައެއް ނެތެވެ. އަދި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ އެފަރާތުން ތަން ކުއްޔަށް ދީފައިވަނީ ގަދަކަމުން ސޮއިކުރުވައިގެން ހަދާފައިވާ އެގްރީމެންޓެއްގެ ދަށުން ކަމަށެވެ.
ކޮމެންޓު ފޮނުވާ