ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށް، ކުރިން ނުބަލައި އޮތް ސުލޫކީ މައްސަލައެއް ބަލާނެ ކަމުގެ އިންޒާރު ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވި ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވަމުންދަނިކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް ސުލޫކީ މައްސަލަތަކެއް ބަލަން ވަނީ ފަށައިފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ މައްޗަށް ބަލަމުންދާ އެއް މައްސަލައަކީ އޭނާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުއްވި ކަމަށް ބުނާ ތުހުމަތެކެވެ.
އަޒްމިރާލްދާ ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް މިއަދު ހެނދުނު ހާޒިރުކުރުމުން، މަޖިލީހުގެ މެމްބަރުކަމާ ގުޅޭ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް، ސުލޫކީ މައްސަލައެއް ބަލާނެ ކަމުގެ އިންޒާރު ބަންޑާރަ ނައިބު އުޝާމް ދެއްވާފައިވާ ކަމަށެވެ.
އަޒްމިރާލްދާގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނިގޮތުގައި:
- އޭނާގެ ފިރިކަލުން ހައްޔަރުކުރީ ރާވައިގެން އޭނާއަށް ނުފޫޒު ފޯރުވުމަށް ގޮތެއް ހޯދުމަށް ކަމަށް އަޒްމިރާލްދާ ގަބޫލުކުރައްވާ ކަމަށް
- އަދި އޭނާ ކުއްލިއަކަށް ސަސްޕެންޑުކޮށް އޭނާއާ ދެކޮޅަށް މައްސަލަތަކެއް ކުރިއަށް ގެންދަނީ ވެސް ނުފޫޒު ފޯރުވަން ކަމަށް
އަޒްމިރާލްދާ ވިދާޅުވީ ފިރިކަލުން ދޫކޮށްލި ފަހުން މިދިޔަ މަހުގެ ކުރީކޮޅު ބަންޑާރަ ނައިބު އުޝާމް އެހެން މީހެއް މެދުވެރިކޮށް އޭނާއަށް މެސެޖެއް ފޮނުއްވި ކަމަށެވެ. އެ މެސެޖުގައި:
- "ސުޕްރީމް ކޯޓަށް އަތްބާނަން ބޭނުން ނުވާ" ކަމަށް ވިދާޅުވި ކަމަށް
- ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައާ ގުޅޭ ވާހަކަތަކެއް ދެއްކެވި ކަމަށް
- އެ މައްސަލައާ މެދު ރައީސް މުހައްމަދު މުއިއްޒު ކަންބޮޑުވެވަޑައިގެން އުޅުއްވާކަމާއި އިޖުރާއީ އިއުތިރާޒާ ހިސާބުން އެ މައްސަަލަ ނިމޭނެ ކަމަށް ބުނި ކަމަށް
- ޖޭއެސްސީގެ ކުރީގެ ރައީސް ހިސާން ހުސެއިންގެ ދައުރުގައި ނުބަލައި ވަތްގަނޑުގައި ބާއްވާފައި އޮތް ސުލޫކީ މައްސަލައެއް އެބައޮތް ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށް އުޝާމް ވިދާޅުވި ކަމަށް
"އެހެންކަމުން ކުއްލި ގޮތަކަށް ދޮގު ތުހުމަތެއްގައި ފަނޑިޔާރު ސަސްޕެންޑުކޮށް މި މައްސަލަތައް ކުރިއަށް މިދާ ގޮތުން މިއީ ފަނޑިޔާރަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް ކަމަށް ފަނޑިޔާރު ކޮމިޓީގައި ވިދާޅުވި. އަދި މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވި،" އަޒްމިރާލްދާގެ ވަކީލުން ނެރުއްވި ބަޔާނުގައިވެ އެވެ.
ފިރިކަލުން ބަންދުން ދޫކުރަން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން އަޒްމިރާލްދާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެއީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ.
މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބަލަމުން ދަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހާރު އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ދުސްތޫރީ މައްސަލަ ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުންނެވެ.