އަޒްމިރަލްދާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ޖޭއެސްސީން ބަޔާން ނެގިއްޖެ

އަޒްމިރަލްދާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ޖޭއެސްސީން ބަޔާން ނެގިއްޖެ

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މި މައްސަލާގައި ޖޭއެސްސީއަށް އަޒްމިރަލްދާ ހާޒިރުކުރީ މިއަދު ހެނދުނު 10 ޖަހާއިރަށެވެ. އަދި އޭނާ ވަޑައިގަތީ އޭނާގެ ވަކީލު އިބްރާހީމް ޝަމީލާ އެކުގަ އެވެ.

އަޒްމިރަލްދާގެ ފަރާތްޕުޅުން މި އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށް ހުށަހަޅުއްވާފައިވީ ނަމަވެސް އިއްޔެ ކޮމިޝަނުން ވަނީ އަޑުއެހުން ހުޅުވާނުލަން ނިންމައިފަ އެވެ. ގާތްގަނޑަކަށް އެއް ގަޑިއިރަށް އަޑުއެހުން ގެންދިޔައީ ސިއްރުކޮށްގެނެވެ.

މި މައްސަލާގައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ވެސް ކުރެ އެވެ. މަހާޒު ވަނީ މިދިޔަ އާދީއްތަ ދުވަހު މެންދުރު ފަހު ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ނަގައިފައެވެ.

ކުރިން ނެރުނު ބަޔާނެއްގައި އަޒްމިރަލްދާ ވިދާޅުވެފައިވަނީ "މި މައްސަލަތަކަކީ އަސްލެއް އަސާސެއް ނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމުގައި ދެކެން" ކަމަށެވެ. އަދި އޭނާގެ ފަރާތުން މުއައްސަސާތަކުގައި އެދިވަޑައިގެންފައިވާ މައުލޫމާތު ނުލިބޭތީ އާއި ހުށަހަޅުއްވާފައިވާ ޝަކުވާތަކާ ގުޅިގެން އެއްވެސް ޒިންމާއެއް އަދާކޮށްފައި ނުވާތީ އަޒްމިރަލްދާއަށް އިންސާފު ހޯދަން ހުރަސްއެޅިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ނަމަވެސް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފައެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ. ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ