އުރީދޫ މޯލްޑިވްސްއިން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ފައިދާގެ ގޮތުގައި ބަހަން ފާސްކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވުނު މި ޖަލްސާގައި އެ ކުންފުނީގެ މުޅި ހިއްސާގެ 90.85 އިންސައްތަ ތަމްސީލުކުރެވުނެވެ. ޖަލްސާގައި 74 ހިއްސާދާރުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 60 ހިއްސާދާރުން ވަނީ އަމިއްލައަށް ބައިވެރިވެފައެވެ. އަދި 14 ހިއްސާދާރުން ވަނީ 11 ޕްރޮކްސީން މެދުވެރިކޮށް ތަމްސީލުކުރެވިފައެވެ.
މި ޖަލްސާގައި މިދިޔަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހު ބޭއްވުނު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއެކު، މިދިޔަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި އޮޑިޓަރުންގެ ރިޕޯޓާއި ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓުތައް ވެސް ވަނީ ފާސްކޮށްފައެވެ.
މީގެއިތުރުން މި އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ އައްޔަންކުރުމާއި އެ ފަރާތުގެ ފީ ވެސް ވަނީ ފާސްކޮށްފައެވެ. އަދި އުރީދޫގެ މައި ހިއްސާދާރު ކަމަށްވާ ވަތަނިއްޔާ އިންޓަނޭޝަނަލް ތަމްސީލުކުރައްވާ ތިން ބޭފުޅުން ކަމަށްވާ ޖޯޖް ބޮވްރިން ޗެލެނާ، ވިކްރަމް ސިންހާ އަދި މޯޒާ މުހައްމަދު އޭވައި ދާވިޝް ވަނީ އުރީދޫގެ ބޯޑަށް އަލުން ހޮވިފައެވެ.