ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއަހަރު ފާހަގަ ކޮށްފައިވަނީ ތަފާތު އިހުސާސްތަކާ އެކު

މުޅި ދުނިޔެއަށް، މުޅިން ތަފާތު އާ އަހަރެއް

މުޅި ދުނިޔެއަށް، މުޅިން ތަފާތު އާ އަހަރެއް

ގުޅުންހުރި

ކޮންމެ އަހަރަކުވެސް، އާއަހަރު ފެށޭ މުނާސަބަތަކީ، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކުލަގަދަ ކޮށް ފާހަގަ ކުރާ މުނާސަބަތެކެވެ.

ވަކީން ޚާއްސަކޮށް އާއަހަރު ކުލަގަދަކޮށް، އެބައެއްގެ ސަގާފަތާއި، އާދަކާދަތަކާއި އަދި ގަބޫލުކުރާ އުސޫލުތަކާއި އެއްގޮތަށް، ފާހަގަ ކުރާ މުހިންމު ގައުމުތައްވެސް ދުނިޔޭގައި ވެއެވެ. މިގޮތުން ހުޅަގުގެ ބައެއް ގައުމުތަކުގެ އިތުރުން، އޮސްޓްރޭލިއާ ސިންގަޕޫރު އަދި އިންޑިއާފަދަ ގައުމުތަކަކީ، ބަޑިބޭހުގެ ތަފާތު ކުޅިވަރުތަކާ، ސަގާފީ ކުޅިވަރުތަކާއެކީ، އާއަހަރު ފެށުމުގެ މުނާސަބާ ކުލަގަދަކޮށް ކޮންމެ އަހަރަކުވެސް، ދުނިޔޭގައި ފާހަގަކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ބައެއް ގައުމުތަކެވެ.

އެހެންނަމަވެސް 2021ވަނަ އަހަރު މުޅި ދުނިޔެއާއި މިކުރިމަތިލީ، ކޯވިޑް19ގެ އާލަމީ ވަބާ މުޅި ދުނިޔެއަށް ކުރިމަތިވެ، ދުނިޔޭގެ ގައުމުތައް ބޮޑު ގިލަންވެރިކަމެއްގެ ތެރޭގައި ވަނިކޮށެވެ. ޗައިނާއިން ފެތުރެންފެށި، ކޯވިޑް19ގެ ރޯގާ ދުނިޔޭގެ އެތައްގައުމަކަށް ދަތުރުކޮށް، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަށްވެސް މިބަލީގެ ޝިކާރައަކަށްވެ، އާއަހަރުގެ ޗުއްޓީއާއި ކުރިމަތިލީއިރު، ތަންތަނަށް ދަތުރުކުރުމާއި އަދި އެއްވުންތައް ބޭއްވުންވެސް ގިނަ ގައުމުތަކުގައިވަނީ މަނާ ކޮށްފައެވެ.

ދުނިޔޭގެ އެތައް މިލިއަން ރައްޔިތުންނެއް އާއަހަރާއި ކުރިމަތިލީ މާޔޫސްކަމާ މޮޅިވެރިކަމާ އެކުއެވެ.

އޮސްޓްރޭލިއާ

އޮސްޓްރޭލިއާ އަކީ މުޅި ދުނިޔޭގައިވެސް ކޮންމެ އަހަރަކުވެސް އާއަހަރުގެ މުނާސަބާ އެންމެ ކުލަގަދަކޮށް ފާހަގަ ކުރާ އެއް ގައުމެވެ. އަދި އޮސްޓްރޭލިއާއަކީ، ދުނިޔޭގެ ގައުމުތަކުގެ ތެރެއިން، ބައިނަލް އަގުވާމީ ވަގުތުގެ ލައިނުގައި އެގައުމު އޮންނަ ހިސާބުގެ ސަބަބުން، ކޮންމެ އަހަރަކުވެސް އާއަހަރާއި އެންމެ ފުރަތަމަ ބައްދަލު ކުރާ ގައުމެވެ.

އޮސްޓްރޭލިއާގެ އާބާދީ އެންމެ ބޮޑު ދެ ސްޓޭޓްކަމުގައިވާ، ނިއު ސައުތު ވޭލްސްއާއި އަދި ވިކްޓޯރިއާ މިފަހަރުގެ އާއަހަރާއި ކުރިމަތިލީ، އެދެސިޓީ ކޯވިޑް19ގެ ޝިކާރައަކަށް ވަރަށް ބޮޑަށް ވެފައިވަނިކޮށެވެ. ނަތީޖާއެއްގެ ގޮތުން މި ދެސިޓީގައިވެސް މީހުން އެއްތަނަކަށް އެއްވެ މިއަހަރު އާއަހަރުގެ އުފާ ފާޅުކުރުމެއް ނޯންނާނެއެވެ.

އޮސްޓެރޭލިއާގެ ސިޑްނީގެ ހާބަރަކީ، މުޅި ދުނިޔޭގައިވެސް، އާއަހަރު ފާހަގަ ކުރުމަށްޓަކާ އެންމެ ވަރުގަދައަށް ބަޑިބޭހުގެ ކުޅިވަރުތައް ބާއްވާ ސަރަހައްދެވެ. ފާއިތުވެދިޔަ އަހަރުތަކުގައި، މިސަރައްހައްދުގައި ބޭއްވުނު ބަޑިބޭހުގެ ކުޅިވަރުތައް ބަލާލުމަށްޓަކާ ކޮންމެ އަހަރަކުވެސް 1 މިލިއަނަށްވުރެ ގިނަ މީހުން މިސަރަހައްދަށް ޖަމާވެފައިވެއެވެ.

މިއަހަރު، މިސަރަހައްދުގައި ބޭއްވުނު ބަޑިބޭހުގެ ކުޅިވަރުތައް ބެލުމަށް މުވައްސަސާތަކުން އަންގާފައިވަނީ، ގޭގައިތިބެގެން ޓީވީ މެދުވެރިކޮށް ބެލުމަށެވެ. އެހެންނަމަވެސް، ދުރާލާ، ޓިކެޓް ބުކް ކޮށްގެން ކެފޭތަކުގައި، ގައިގޯޅި ނުވާނޭ ގޮތުގެމަތިން، ބަޑިބޭހުގެ ކުޅިވަރުތައް ބަލާލެވޭނެ ހިސާބުތަކުގައި ތިބުމުގެ ހުއްދަ މުއްސަސާތަކުން ވަނީ ދީފައެވެ. ސިޑްނީ ހާބަރުގައި ބަޑިބޭހުގެ ކުޅިވަރުތައް ބޭއްވިފައިވަނީ އެންމެ 7 މިނިޓް އިރުގެ ދިނުމިނަކަށެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވުނު ބަޑިބޭހުގެ ކުޅިވަރުތައް ބޭއްވިފައިވަނީ އެންމެ 7 މިނިޓް އިރުވަންދެން

އޮސްޓްރޭލިއާގެ މެލްބަންގައި މިއަހަރުގެ އާއަހަރުގެ ފެށުން ފާހަގަކުރުމަށް ބަޑިބޭހުގެ ކުޅިވަރު ނުބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެހެންނަމަވެސް، އޮސްޓރޭލިއާގެ ޕާރތްގައި، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އާއަހަރުގެ ފެށުން ފާހަގަކުރުމަށް ބަޑިބޭހުގެ ކުޅިވަރުތައް ބާއްވާފައި ވެއެވެ. އޮސްޓްރޭލިއާގެ ސިޓީތަކުގެ ތެރެއިން، ޕާރތްއަކީ މިއަހަރުގެ އޭޕްރިލް މަހުންފެށިގެން ކޮމިއުނިޓީ ސްޕްރެޑްގެ އެއްވެސް އަލާމާތެއް ފެނިގައިނުވާ ސިޓީއެކެވެ.

ނިއުޒިލޭންޑް

ނުއުޒިލޭންޑާއި އާއަހަރު ބައްދަލު ކުރީ އޮސްޓްރޭލިއާ އަށްވުރެ 2 ގަޑިއިރު ކުރިންނެވެ. އަދި ނިއުޒިލޭންޑުގެ ދެކުނު ޕެސިފިކްގެ ރަށްތަކުގައި، މިހާތަނަށް އައިއިރު ކޯވިޑް19ގެ އެއްވެސް އަލާމާރެއް ފެނިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، މިރަށްތަކުގައި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އާއަހަރުގެ ފެށުމުގެ މުނާސަބާތައްވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ނިއުޒީލެންޑްގެ އޯކްލޭންޑުގައި އެސިޓީގެ ރައްޔިތުން މިއުޒިކާއެކު އާއަހަރުގެ އުފާ ފާޅުކުރަނީ

ސިންގަޕޫރު

ސިންގަޕޫރުގެ މެރީނާބޭ އަކީ، މުޅި ދުނިޔޭގައިވެސް، ކޮންމެ އަހަރަކުވެސް، އެންމެ ކުލަގަދަކޮށް އާއަހަރުގެ ފެށުން ފާހަގަކުރާ އެއްތަނެވެ. މިގޮތުން، މި ސަރައްދުގައި އާއަހަރުގެ ކައުންޓްޑައުން ލޭޒާ ލައިޓް ބޭނުންކޮށްގެން ފާހަގަ ކުރުމުގެ އިތުރުން، ބަޑި ބޭހުގެ ކުޅިވަރުތަކުން މުޅި ސަރަހައްދު ދިއްލާލައެވެ. ކޮންމެ އަހަރަކުވެސް ބަޑިބޭހާ ލޭޒާ ލައިޓުގެ މިކުޅިވަރުތައް ބަލާލުމަށް، މެރީނާބޭއަށް އެތައްހާސް ބަޔަކު ޖަމާވެއެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު، އާއަހަރުގެ ފެށުން ފާހަގަކުރުމަށް، މެރީނާ ބޭގައި ބޭއްވުނު ލޭޒާލައިޓުގެ އެކިއެކި ކުޅިވަރުތަކުގެ ތެރެއިން

ސިންގަޕޫރުގައިވެސް، ކޯވިޑް19ގެ ހާލަތު އޮތްގޮތުން، މިއަހަރު މެރިނާބޭ ސަރަހައްދަށް މީހުން އެއްވެގެން ބާއްވާ ބަޑިބޭހުގެ ކުޅިވަރު އިވެންޓްތައް ވަނީ ކެންސަލް ކޮށްފައެވެ. އެހެންނަމަވެސް، ސަލާމަތީގޮތުން ރައްކާތެރި ހިސާބުތަކުގައި ތިބެގެން ބަލާލެވޭ ގޮތަށް މެރީނާބޭގައި ކުދިކުދި ލައިޓް ޝޯވްތައް ވަނީ ބާއްވާފައެވެ.

މެރީނާ ބޭގައި އެތައްހާސް ބަޔަކު އެއްވެގެން ބާއްވާ ބަޑިބޭހުގެ ކުޅިވަރުތައް މިއަހަރު ކެންސަލް ކުރެވިފައިވި ނަމަވެސް، ބަޑިބޭހުގެ ކުދި ކުދި އިވެންޓްތައް ބޭއްވުމަށް ސިންގަޕޫރުގެ 11 ސަރަހައްދެއް ވަނީ ކަޑައަޅާފައެވެ. އަދި ސިންގަޕޫރުގެ ތާރީޚުގައިވެސް ފުރަތަމަފަހަރަށް، ވާޗުއަލްކޮށް (ޚާއްސަ ޑިވައިސްއެއް ބޭނުންކޮށްގެން 3-ޑީ ކޮށް ކުޅިވަރުތައް ބަލާލުން)، ބަޑިބޭހުގެ ކުޅިވަރުތައް ބަލާލުމުގެ އިންތިޒާމް މިފަހަރު ވަނީ ހަމަޖައްސާފއެވެ. މިއިންތިޒާމްތައް ހަމަޖައްސާފައިވަނީ، "އިޔަރ އެންޑް ކޮމިއުނިޓީ ޕްރޮގްރާމް"ގެ ތެރެއިން އެގައުމުގެ ޕީޕަލްސް އެސޯސިއޭޝަންގެ ފަރާތުންނެވެ. މިއިންތިޒާމުގެ ދަށުން، އެގައުމުގެ ރައްޔިތުންނަށް ގޭގައި ތިބެގެން، މިހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދެއެވެ.

ޗައިނާ/ތައިވާން

ޗައިނާގެ ވެރިރަށް ބޭޖިންގގައި އާއަހަރުގެ ކައުންޓްޑައުން ފާހަގަ ކޮށްފައިވަނީ، ދައުވަތު ދެވުނު މަދު ބޭފުޅުން ކޮޅަކާއެކީގައެވެ. އަދި މީގެ އިތުރުން، ރޭގަޑުގެ ފިނިހޫނުމިން 15- ޑިގްރީ ސެލްސިއަސްއަށް ވެއްޓިގެންދާތީ، ބޭޖިންގގެ ރައްޔިތުންނަށް ރޭގަޑުގެ ވަގުތުގައި ރައްޓެހިންނާއެކީ ބޭރުގައި އުޅުންވެސް މިއަރު ވެގެންދިޔައީ ދަތި އުދަގޫ ކަމަކަށެވެ.

ތައިވާނުން ވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އާއަހަރު ފެށުމުގެ އުފާ ފާޅުކޮށްފައެވެ. މީގެ ތެރޭގައި، އެގައުމުގެ ކެޕިޓަލް ސިޓީގެ މަޝްހޫރު ޓަވަރު، ޓައިޕޭ 101ގައި ބަޑިބޭހުގެ ކުޅިވަރުތައް ބާއްފާވައިވާއިރު، އާއަހަރު ހެދުނުގެ ވަގުތުގައި ވަނީ، ރައީސް އޮފީހުގެ ކުރިމަތީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

ދާދިފަހުން ތައިވާނަށް ދަތުރުކުރި ދަތުރުވެރިއެއްގެ ގައިން، ކޯވިޑް19ގެ އާ ސްޓްރެއިންއެއް ފެނިފައިވާތީ، ރައީސް އޮފީސް އިމާރާތުގެ ކުރިމަތީގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތަށް ހާޒިރުވާ ގޮތަށް ހަމަޖެހިފައި އޮތީ، ދައުވަތުދެވިގެން ހާޒިރުވާ ސަރުކާރުގެ މުވައްޒަފުން އެކަންޏެވެ.

ތައިވާން ހިމެނިގެދަނީ، ކޯވިޑް19 ކޮންޓްރޯލް ކުރުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ކާމިޔާބު އެއްގައުމުގެ ގޮތުގައެވެ. އެގައުމުގައި ކޯވިޑް19 އަށް މިހާތަނަށް އައިއިރު އެންމެ 700 މީހުން ޕޮޒިޓިވް ވެފައިވާއިރު، މިބަލީގައި މިހާތަނަށް މަރުވެފައިވަނީ އެންމެ 7 މީހުންނެވެ.

ތައިވާނުގެ މަޝްހޫރު ޓައިޕޭ 101 ޓަވަރު ބަޑިބޭހުން ދިއްލާލާފައި

ދެކުނު ކޮރެއާގެ ސޯލް

ކޮންމެ އަހަރަކުވެސް އާއަހަރު ފާހަގަކުރުމަށް، ދެކުނު ކޮރެއާގެ ސޯލްގައި ބޮޑު ރަގަބީލެއް ޖެހުމުގެ ހަފްލާއެއް ބާއްވައެވެ. އެހެންނަމަވެސް، ކޮރެއާ ހަގުރާމަ ނިމުމަށްފަހު، 1953 ވަނައަހަރުން ފެށިގެން ބާއްވަމުން ގެންދާ މިހުއިހުތިފާލް ފުރަތަމަ ފަހަރަށް މިއަހަރު ވަނީ ކެންސަލް ކޮށްފައެވެ.

ކޮންމެ އަހަރަކުވެސް، އާއަހަރުގެ މެންދަމު ގަޑިން 12 ޖެހުމާއެކު، މި ބޮޑު ރަގަބީލު ޖެހުމަށް، ރަގަބީލު ހުންނަ ޕެވިލިއަންއަށް 100،000 ވުރެ ގިނަ މީހުން އެއްވެއެވެ. އަދި މި ރަސްމިއްޔާތު އެގައުމުގެ ޓީވީތަކުން ވަގުތުން ދުރަށް ދައްކައެވެ.

ސައުތު ކޮރެއާގެ އިރުމަތީ އައްސޭރިފަށުގެ ގޮޑު ދޮށްތައް އެސަރަހައްދުގެ ރަސްމީ އިދާރާތަކުން މިއަހަރު ވަނީ ދުރާލާ ބަންދުކޮށްފައެވެ. މި ގޮޑުދޮށްތަކަކީ، ކޮންމެ އަހަރަކުވެސް، އާއަަހަރުގެ އިރުއަރާ މަންޒަރު ބަލާލުމަށް ފަތިސްފަތިހާ އެތައް ހާސްބަޔަކު އެއްވާ ގޮޑުދޮށްތަކެކެވެ. އަދި އިރުދެކުނުގެ ސިޓީއެއް ކަމުގައިވާ ޕޮހާންގއިން މީގެ ބަދަލުގައި މިއަހަރުވަނީ، އާއަހަރުގެ އިރުއަރައިގެން އަންނަ މަންޒަރު ޓީވީތަކުން ލައިވް ކުރުމަށް ނިންމާފައެވެ.

ދެކުނު ކޮރެއާގެ ސަރުކާރުންވަނީ، އާއަަހަރުގެ ބަންދާ ދިމާކޮށް، ޖެނުއަރީ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް 5 މީހުންނަށްވުރެ ގިނައިން އެއްތަނަކަށް އެއްވުން މަނާކޮށް، ސްކީ ރިސޯޓުތަކާއި އަދި މުޅިގައިމުގެ އެންމެ މުހިންމު ޓުއަރިސްޓް ސްޕޮޓްތައްވެސް ބަންދު ކޮށްފައެވެ. ސްކީ ރިސޯޓުތަކަކީ، ފިނިމޫސުމާ ދިމާކޮށް އެތައްބަޔަކު ޗުއްޓީ ހޭދަކުރުމަށް ކޮންމެ އަހަރަކުވެސް އާއަހަރުގެ ބަންދާ ދިމާކޮށް ގޮސްއުޅޭ މަންޒިލްތަކެކެވެ.

އިންޑިއާ

އިންޑިއާގެ އެތައް މިލިއަން ރައްޔިތުންނެއް މިއަހަރުގެ އާއަހަރު ފާހަގަ ކުރާނީ، މާޔޫސްކަންމަތީ ގޭގައި ތިބެގެންނެވެ. މުޅި ދުނިޔެއަށް ފެތުރެމުންދާ ކޯވިޑް19ގެ އާވައްތަރުގެ ވައިރަސް އިންޑިއާއިން ފެންނަން ފެށުމާ ގުޅިގެން، އިންޑިއާގެ ބޮޑެތި ހުރިހާ ސިޓީއެއްގައި ކަހަލަ ގޮތަކަށްވަނީ ރޭގަޑުގެ ވަގުތުތަކުގައި ކާފިއު ހިންގާފައެވެ. އަދި ބީޗް ޕާޓީތައް ބޭއްވުން މަނާކޮށް، ބޮޑެތި ސިޓީތަކާއި ޓައުންތަކުގައި ވަނީ ހަރަކާތްތެރިވެ އުޅުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ.

އިންިޑިއާގައި ކޯވިޑް19 އެންމެ ބޮޑަށް ފެތުރެމުންދާ ސިޓީތައް ކަމުގައިވާ، ނިއު ދިއްލީއާއި، މުމްބާއިއާއި، އަދި ޗެންނާއިގެ ހޮޓާތަކާއި، ބާރތައް ރޭގަޑު 11 ޖަހާއިރު ބަންދުކުރާގޮތަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އިންޑިއާގެ މުމްބާއީގެ އާޓް ސުކޫލެއްގެ ބޭރުގައި ބައްޓާފައިހުރި ކުރެހުމެއްގެ ކުރިމަތިން އަންހެނަކު ހިގާފައިދަނީ: މުމްބާއީގައި ބާރތަކާއި ހޮޓާތައް ރޭގަޑު 11 ޖަހާއިރު ބަންދު ކުރާގޮތަށް ވަނީ ހަމަޖައްސާފަ

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމުގައިވާ، މުމްބާއީގައި ރައްޔިތުން، ހަރަކާތްތެރި ވަމުންދާގޮތް ޑްރޯން ބޭނުން ކޮށްގެން ދަނީ ބަލަހައްޓަމުންނެވެ. އަދި ސިޓީގައި އެއްތަނަކަށް ގިނަ މީހުން އެއްވުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް، 4 މީހުންނަށްވުރެ ގިނަ ނުވާގޮތަށް، ރައްޓެހިންނާއި އަދި ތިމާގެ މީހުންނާ ބައްދަލުކުރުން ހުއްދަ ކޮށްފައިވާއިރު، މާސްކު އަޅައިގެން އުޅުން މިސިޓީގައި ވަނީ މަޖުބޫރު ކޮށްފައެވެ.

ސްރީލަންކާ

ސްރީލަންކާގައިވެސް އާދަޔާ ޚިލާފަށް ބޮޑަށް ކޯވިޑް19 ފެތުރެމުން ދާތީ ގިނަމީހުން އެއްތަނަކަށް އެއްވުންވަނީ މަނާ ކުރެވިފައެވެ. އަދި ސަލާމަތީ މުވައްސަސާތަކުން އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައިވަނީ، އާއިލީމީހުންގެ ގާތަށް ޒިޔާރަތް ކުރުންފަދަ ކުދި ކުދި ބައްދަލުވުންތައް މެނުވީ އާއަހަރުގެ ޗުއްޓީގައި ނުބޭއްވުމަށެވެ.

އަދި ސްރީލަންކާގެ ސިއްޙީ އޮފިޝަލުންވަނީ، އެގައުމުގެ ހޮޓާތަކާއި އަދި ރެސްޓޯރަންޓުތަކަށް އެއްވެސް ޕާޓީއެއް ނުބޭއްވުމަށް އަންގާ، މިފަދަ ޕާޓީތައް ބާއްވާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަލާގެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ސްރީލަންގާއި ކޯވިޑް19 ބާރުމިނުގައި ފެތުރެމުން ދާތީ، އެގައުމުގެ ރަސްމީ އިދާރާތަކުންވަނީ، ހުރިހާ ސްކޫލުތަކެއް ބަންދުކޮށް، އަދި އާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމުވެސް ވަރަށް ބޮޑުތަނުން ހުއްޓުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ