ޖޭއެސްސީން ބަލާ އަޒްމިރަލްދާގެ މައްސަލާގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ނިންމައިފި

ޖޭއެސްސީން ބަލާ އަޒްމިރަލްދާގެ މައްސަލާގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ނިންމައިފި

Author
ހުސައިން
09 މާރޗް 2025 07:27
0

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ފަނޑިޔާރުގެ ވަކީލް އެދުނު ނަމަވެސް، ޖޭއެސްސީން އެކަން އެގޮތަށް ކުރިއަށް ނުގެންދިއުމަށް ނިންމައިފިއެވެ.

މިހާރު ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ މާދަމާ ޖޭއެސްސީއަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖޭއެސްސީން ކުރިން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، ފަނޑިޔާރު އަޒްމިރަލްދާގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާ ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ނިންމާފައިވެއެވެ.

ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރަނީ، އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމާ ގުޅިގެން، އޭނާ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ. މީގެ އިތުރުން، ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލައެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޑރ. އިސްމާއިލް ބަންދުން ދޫކުރުމަށް ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާނެ ކަމަށާއި، އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ތަފްސީލާއެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ފަނޑިޔާރު އަޒްމިރަލްދާއާއެކު ފަނޑިޔާރު މަހާޒު އަލީ ޒާހިރަށްވެސް މި ތުހުމަތުތައް ކުރެވި، މިހާރު އެ ފަނޑިޔާރުވެސް ހުންނެވީ ސަސްޕެންޝަންގައެވެ. އެ ދެ ބޭފުޅުންނާއެކު ސަސްޕެންޑްކުރެވުނު ފަނޑިޔާރު ހުސްނުއްސުއޫދު ފަހުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.