މި އަހަރުގެ "އައިޓީބީ ބާލިން 2025″ ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހާއްސަ ސެމިނާއެއް ބާއްވައިފިއެވެ. މި ސެމިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްނެގުންތަކާއި އިންވެސްޓްމަންޓްތަކާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވުނު ސެމިނާއެކެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު މި ސެމިނާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 89 ކުންފުންޏަކުން 200 މަންދޫބުން ބައިވެރިވިއެވެ. މި ސެމިނާގައި ފަތުރުވެރިކަމުގެ އާ މާކެޓް ސެގްމަންޓްތައް ހޯދުމަށާއި، ބުކިން އިތުރުކޮށް އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ގެންގުޅޭ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓުތައް ތަރައްގީކުރުމުގައި ތިމާވެށްޓާ ރަށްޓެހި ގޮތްތައް ގެންގުޅުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމުގައި ޕްރައިވެޓް ސެކްޓާގެ ދައުރު މުހިންމުކަން ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރްސީގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ ޖެހިޖެހިގެން 5 އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއިން ހޯދާފައިވާކަމަށާއި އަމާޒަކީ މި މަގާމު ދަމަހައްޓާ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.
މީގެއިތުރުން މި ސެމިނާގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ރާއްޖެއާ ޖަރުމަނުވިލާތާ ދޭތެރޭގައި ސީދާ ދަތުރުތައް ފަށާނެކަން އިއުލާނުކޮށްފިއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެފައިވެއެވެ. އަދި ދަތުރުކުރުމަށް އޮތް ޑިމާންޑް އިތުރުވެ، ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އޮންނަ ސަގާފީ އަދި އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.